ޚަބަރު

އަލީ ވަހީދުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

Ads by MWSC

ހައިކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލައިފައި ވަނީ އެ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައެޅުމަށް ފަހުގައެވެ.

މިދިޔަ އަންގާރަ ދުވަހު މި މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ވަނީ ބާއްވައިފައެވެ. އެ އަޑުއެހުމުގައި އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ބެލުމަށް ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ދައުލަތާ ކޮށްފައެވެ.

މި މައްސަލައަކީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށްފައި ވަނީ ރާއްޖޭގެ އިހުތިސޯސުން ބޭރުގައި އަލީ ވަހީދު ހުރެގެން ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެއެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުން ވެސް ވަނީ ބުނެފައެވެ.

ދަށު ކޯޓުން އެ ނިންމުން ނިންމައިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން މިހާރު ވެސް އަލީ ވަހީދު ހުރި ތަނުގައި ހުރެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ނުހިންގޭނެކަމަށް އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފީ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އަދި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި މައްސަލަ ނުހިންގޭނެ ކަމަށާއި އެހެން ނަމަވެސް ކޯޓުން އެގޮތަށް ކުރިއަށް ގެންދަން ނިންމައިފިނަމަ ދައުލަތުގެ ފަރާތުން ކޯޓަށް ހާޒިރުވެ ޖަވާބުދާރީ ވާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!