ރިޕޯޓް

މިހާރު އީދަށް ނުދެވޭ ގޮތަށް އޮތީ 27 ރަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފިތުރު އީދާއި އަޟްހާ އީދަކީ ރާއްޖޭގެ އެކި ރަށްރަށުގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހެވެ. މި ދުވަސްތަކަކީ ދިވެހިންގެ ހިތްތަކާ އެންމެ ކުރީ ޒަމާނުއްސުރެ ވެސް ގުޅިފައިވާ ދުވަސްތަކެކެވެ. ލޯބިވާ މައިންބަފައިންނާއި އަނބިދަރިންނާ، ރަށުގައި ތިބި އާއިލާގެ މީހުންނާއި ރައްޓެހިންނާ ބައްދަލުކޮށް އީދުގައި ވަގުތު ހޭދަކުރުމަކީ އަހަރެމެންގެ ސަގާފަތެކެވެ. މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ބޮޑު އީދު ބަންދު ފެށޭއިރު ގިނަ ބަޔަކު މިހާރު އީދަށް ރަށަށް ދާން ފޮށިތަންމަތި ބަނުމަށް މަސައްކަތް ފަށައިފާނެކަން ޔަގީނެވެ.

Ads by STELCO

ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެވިފައިވާއިރު ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށް، ނައްސި ޕީސީއާރު ޓެސްޓާއެކު މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭ ގޮތަށް މިހާރު ވަނީ ހުއްދަ ދީފައެވެ. ނިމިދިޔަ 2020 ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެން ރޯދަމަހާއި އީދު ވެސް ފާހަގަ ކުރަން ޖެހުނީ ގޭގައި ތިބެގެންނެވެ. އެޗްޕީއޭއިން މިހާރު ދީފައިވާ ލުއިތަކާ އެކު އަހަރެއް ފަހުން އީދު ފާހަގަކޮށްލަން ރަށްރަށަށް ދާން ބޭނުންވެފައި ތިބި މީހުންނަށް އެ ފުރުސަތު ލިބިއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އުސޫލުތަކުގައި ވާގޮތުން ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު، ނައްސި ޕީސީއާރު ޓެސްޓާއެކު ކަރަންޓީނުވާން ނުޖެހޭގޮތަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެއެވެ. އަދި ކޮވިޑް-19އަށް ފައްސިވާތާ 60 ދުވަސް ނުވާ މީހުންނަށް ވެސް ކަަރަންޓީނު ވުމެއް ނެތި، ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންނަށް ވެސް 72 ގަޑިއިރު ނުވާ ނައްސި ނަތީޖާއަކާ އެކު ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭގޮތަށް ވަނީ ހުއްދަ ދީފައެވެ.

މިހާރު އޮތް ގޮތުން ނަމަ ރާއްޖެތެރޭގައި ކޮވިޑު ނެތް ރަށްރަށުގެ މެދުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އެއްވެސް ހުރަހެއް ނެތެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ރަށްރަށަށް ދިޔުން މަނަލެވެ. އަތޮޅުތެރޭގައި މި ވަގުތު ވެސް 27 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

އެ ރަށްރަށުގެ ތެރޭގައި ގއ. އަތޮޅުގެ ވިލިނގިލި، ކޫއްޑޫ، މާމެންދޫ، ގެމަނަފުށި، ކޮލަމާފުށި އަދި ލ. އަތޮޅުގެ މާވަށް، އިސްދޫ، ކަލައިދޫ، ގަން އަދި ފޮނަދޫވެސް އޮތީ މޮނިޓަރިންގައެވެ. މީގެ އިތުރުން ރ. އަތޮޅުގެ ފައިނު، އަލިފުށި، މީދޫ އަދި ދުވާފަރު، ނ. އަތޮޅު ވެލިދޫ، މިލަދޫ، ގދ އަތޮޅުގެ ތިނަދޫއާއި ގައްދޫ ހިމެނެއެވެ.

ކ. އަތޮޅުގެ ހިންމަފުއްޓާއި ގުރައިދޫ ވެސް މޮނިޓަރިންގައި އޮތް އިރު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ވެސް އޮތީ މޮނިޓަރިންގައެވެ. މީގެ އިތުރުން އއ. ތޮއްޑޫގެ އިތުރުން ހދ. ހަނިމާދޫ އާއި ހއ.ދިއްދޫ ވެސް އޮތީ މޮނިޓަރިންގައެވެ. ފ އަތޮޅު ފީއަލި އަދި މ އަތޮޅު މުލަށް ވެސް އޮތީ މޮނިޓަރިންގައެވެ.

މި ރަށްރަށަށް ފިޔަވައި ދެން ހުރި ރަށްރަށް ދަތުރުކުރުމުގެ ހުއްދަ ކަމާބެހޭ އިދާރާތްތަކުން ދިން ނަމަވެސް އަމިއްލަ ރައްކާތެރިކަމަށާއި އާއިލާއާއި ލޯބިވާ މީހުންގެ ރައްކާތެރިކަމަށް ޓަކައި ވެސް ކޮންމެހެން ދާން ޖެހިގެން ނޫނީ ދަތުރުނުކުރުން ބުއްދިވެރިއެވެ. ނުރައްކާ އޮތީ ހަމައެކަނި މާލޭގައި އެކަންޏެއް ނޫނެވެ. ކޮވިޑް-19 ވައިރަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާކަން މޮނިޓަރިންއަށް ލެވިފައިވާ ރަށްރަށް ބަލައިލުމުން ވެސް އެނގޭނެއެވެ.

ފަހަރުގައި ޗުއްޓީއަށް ދެވެނީ ނުރައްކާތެރި ކޮވިޑް-19 ވައިރަސް ހިފައިގެން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އީދު ފާހަގަކުރަން ދާ ރަށުން އެނބުރި އަންނަ އިރުވެސް ކޯވިޑް ހިފައިގެން އާދެވިވެސް ދާނެއެވެ. މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. ރާއްޖެ މިއަދު މިއޮތީ މަޖާކޮށް އީދު ފާހަގަކުރާ ވަރަށް ވުރެ ނާޒުކް ފައްތަރެއްގައިކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. މިއީ ލުއި ދިން ނަމަވެސް ފަރުދީ ޒިންމާ އަދާކޮށް ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަންވީ ވަގުތެވެ. ރައްކާތެރިކަމާ އެކު ކުރިޔަށްއޮތް އަހަރުތަކުގައި އީދު ފާހަގަ ކުރަން ބޭނުންވާ ނަމަ މިއަދު ގޭގައި މަޑުކޮށްލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!