ދުނިޔެ

އިޒްރޭލުގެ ސިފައިން އާންމުންގެ ތެރެއަށް ބަޑި ޖަހައި ގިނަ ބަޔަކު ޒަހަމް ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ އާންމުންގެ ތެރެއަށް ބަޑި ޖަހައި ގިނަ ބަޔަކު ޒަހަމް ކޮށްލައިފިއެވެ.

Ads by WAMCO

ފަލަސްތީނުގެ ރައްޔިތުން އިއްޔެ ބޭއްވި ސުލްހަވެރި ރެލީއެއް ރޫޅައިލައި އިޒްރޭލު ސިފައިން ދިން ބަޑީގެ މި ހަމަލާގައި މިހާތަނަށް 370އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާއިރު، އޭގެ ތެރެއިން 31 މީހުން ޒަހަމްވީ ސީދާ އެމީހުންގެ ގަޔަށް ވަޒަން އަރައިގެންނެވެ.

ގަދަ ބާރުން ފަލަސްތީނުގެ ބިންތައް ހިފާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ސަބަބުން އިޒްރޭލު ސިފައިން ވަނީ ޑްރޯން މެދުވެރިކޮށް ރެލީ ބޭއްވި މީހުންގެ ތެރެއަށް ކަރުން ގޭހާއި ދުން ގޭސް ވެސް ފޮނުވައިފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އިތުރު މީހުން ޒަހަމްވީ މި ހަމަލާތަކުގެ ސަބަބުންނެވެ.

މި ރަހުމް ކުޑަ ހަމަލާތަކާ ގުޅިގެން، މުޒާހަރާގައި ބައިވެރިވި ފަލަސްތީނުގެ އެ ރައްޔިތުން ވަނީ ޓަޔަރުގައި ރޯކޮށް، އިޒްރޭލު ސިފައިންނާ ދިމާލަށް އުކައިފައެވެ. އަދި އެމީހުންނާ ދިމާލަށް ގައު އުކި ކަަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އަޑު އުފުލުމުގައި ބައިވެރިވި 379 ފަލަސްތީނު މީހަކު ވަނީ ޒަހަމް ވެފައެވެ. އިޒްރޭލުން ޒަހަމްވި މީހުންގެ އަދަދު އަދި އެމީހުން ހާމަ ކޮށްފައެއް ނުވެއެވެ.

ނަބްލޫސްގެ ކައިރިން ބެއިޓާގައި ހިނގި މި ހަމަލާގެ އިތުރުން، އިއްޔެ ފަލަސްތީނުގެ ކަފްރް ޤައްދޫމްގައި ވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގައިފައެވެ. ފަލަސްތީނު ރައްޔިތުން އިޒްރޭލު ސިފައިންނާ ދެމެދު ހިނގި މި ހަމަނުޖެހުމުގައި 12އަށް ވުރެ ގިނަ މީހުންގެ ގަޔަށް ވަނީ ކަރުނަ ގޭސް ޖަހައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!