ރިޕޯޓް މެދުއިރުމަތި ދުނިޔެ

ފުރަތަމަ ގުޑުވައިލުން - އިސްރާއީލްގެ ސަފުތައް ފަހަތަށް ޖެއްސީ ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އިންތިފާޟާއަކީ އަރަބި ބަހެކެވެ. الانتفاضة (އިންތިފާޟާ) މިބަހުގެ މާނައަކީ ގުޑުވައިލުމެވެ. އިންތިފާޟާ އާއްމުކޮށް ބޭނުން ކުރަނީ އިސްރާއީލުގެ ލާއިންސާނިއްޔަތާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ނިކުމެ، އިސްރާއީލުގެ ލަސްކަރުތައް ގުޑުވާލި ފަހަރުތަކަށެވެ. އިސްރާޢިލުން ފަލަސްތީނުގެ ބިން އިސްތިޢުމާރުކޮށް އެތަނުގައި ވަޒަންވެރިވި ފަހުން އިސްރާއީލުގެ ހަރުކަށި މީހުންނާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ބޮޑު ނިކުތުމެއްގެ ގޮތުގައި ނިކުމެފައި ވަނީ 2 ފަހަރެއްގެ މަތިންނެވެ.

Ads by Hajj Corporation
Ads by WAMCO

އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވިގަތް ގޮތް މީގެ ކުރިން ލިޔުމެއްގައި ތަފްޞީލްކޮށް ހިއްސާކޮށްފައި ވާނެއެވެ. އެ ލިޔުން ކިޔާލުމަށް މި ލިންކަށް ފިއްތާލައްވާށެވެ. މިއަދުގެ ލިޔުމުގެ ބަލައިލާނީ ފަލަސްތީނުގެ ފުރަތަމަ އިންތިފާޟާ، ނުވަތަ ފަލަސްތީނުން އެމީހުންގެ ހައްޤުތަކުގެ ހިމާޔަތުގައި އަނިޔާވެރިކަން ނިންމުމަށް ނިކުތް ފުރަތަމަ ފަހަރަށެވެ.

ފުރަތަމަ އިންތިފާޟާ - އިސްރާއީލަށް ބޮޑު ލޮޅުމެއް އައި

1987ވަނަ އަހަރު ޑިސެންބަރު 9 ވަނަ ދުވަހު އިސްރާއީލުގެ ދިފާއީ ބާރުގެ ލޮރީއަކުން ވޭނެއްގައި ޖައްސައިލާ ފަލަސްތީނުގެ އާއްމު ހަތަރު މީހަކު ޝަހީދުކޮށްލި ކޮށްލި ހާދިސާއަކީ ފުރަތަމަ އިންތިފާޟާގެ ފެށުމެވެ.

އޭގެ ކުރީ އަހަރު ބަޑިން ހަމަލާދީ ޒުވާނަކު ޝަހީދުކޮށްލައިފައި ވުމާއި ކޮލެޖަށް ދަނިކޮށް އަންހެން ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލުމުން ފަލަސްތީނީންގެ ކެތްތެރިކަން އޮތީ ކޮޅުންލާ ހިސާބުގައެވެ. އެހެން އޮއްވާ ވޭނެއް އެކްސިޑެންޓްކޮށް ހަތަރު މީހުން ޝަހީދުކޮށްލި ހާދިސާއަކީ އެކްސިޑެންޓެއް ނޫން ކަމަށް ބުނެ އަނިޔާއާ ދެކޮޅަށް ފަލަސްތީނުގެ އާއްމުން ނިކުތެވެ. މި ހަތަރު މީހުންގެ ޖަނާޒާގައި ގާތްގަނޑަކަށް 10،000 މީހުން ބައިވެރިވިއެވެ. ޖަނާޒާ ނިމުމަށް ފަހު، އެ ވަގުތުން ފެށިގެން ޝުޢޫރުތައް ފާޅު ކުރަން ފެށިއެވެ.

މީގެ އިތުުރުން ވެސް، 1977 ވަނަ އަހަރު އިސްރާއީލްގެ ލިކުޑް ޕާޓީ (މިހާރުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ޕާޓީ) އަށް ލިބުނު ކާމިޔާބީއާއެކު، އިސްރާއީލުން ފަަލަސްތީނުގެ ބިންތައް ހިފަމުން ދިޔަ ރޭޓް މަތި ކުރިއެވެ. ނަކްބާގައި ގިނަ ބަޔަކު ގެއިން ވަޒަނުން ބޭރުކޮށްލިއިރު، އިތުރު ނަކްބާއެއްގެ ބިރު ވެސް އޭރު އޮތެވެ. މީގެ އިތުރުން 1982ވަނަ އަހަރު ލުބުނާން (ލެބަނޮން)ގައި ފަލަސްތީނުގެ މުޖާހިދުން ތިބިކަމަށް ބުނެ، ލުބުނާނަށް އަރައި އެގައުމުގެ އިސްތިއުމާރުކޮށްގެން ތިބި ތިބުމުން ސުލްހައަށް މަސައްކަތް ކުރާން އިސްރާއީލުން ބޭނުން ނުވާނެކަން ފަލަސްތީނުގެ ރައްޔިތުންނަށް އޭރު އޮތީ ވިސްނިފައެވެ. އަދި ފަލަސްތީން ވުޖޫދުން ފޮހެލުމަށް އިސްރާއީލުގެ ސަރުކާރުގެ އިސްވެރިން އާއްމު ފޯރަމްތަކުގައި ވާހަކަ ދެއްކުމުން، އަމިއްލަ ހިމާޔަތުގައި ނުތެދުވެ ނުތިބުވޭނެކަން ފަލަސްތީނުގެ ރައްޔިތުންނަށް އެނގުނެވެ.

ފަލަސްތީނުގެ ރައްޔިތުން ފުރަތަމަ ހަމަލާދިނީ ގަލުން

ފުރަތަމަ އިންތިފާޟާ ފެށުނު ދުވަސްވަރު، ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުން ގެންދިޔައީ ސުލްހަވެރިކަމާއެކު މުޒާހަރާކޮށްގެނެވެ. ނަމަވެސް މުޒާހަރާތައް ރޫޅައިލުމުގައި އިސްރާއީލުގެ ސިފައިން އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ބާރުގެ ބޭނުން ކުރިއެވެ. ނަތީޖާއަކަށްވީ މުޒާހަރާގެ ބައިވެރިންގެ އުކުޅުތައް ވެސް ތަފާތުވުމެވެ. އިސްރާއީލު ސިފައިން ޖަހަމުން ދިޔަ ބަޑީގެ ވަޒަނަށާއި އުކަމުން ދިޔަ ގްރެނެއިޑްތަކަށް، ފަލަސްތީނުގެ އާއްމުން ބަދަލު ހަމަލާގެ ގޮތުގައި ޕެޓްރޯލް ބޮމާއި އޮއްގާ އެމީހުންނާ ދިމާޔަށް އުކިއެވެ. އަދި އިސްރާއީލުގެ ކާރުޚާނާތަކާއި އިސްރާއީލުގެ ފިހާރަތަކުގައި މަސައްކަތް ކުރުމަށް ފަލަސްތީނުގެ ރައްޔިތުން ދެކޮޅު ހެދިއެވެ. މީގެ އިތުރުން، އިސްރާއީލުގެ ސަރުކާރަށް ޓެކްސް ދެއްކުމާއި އިސްރާއީލް ނަންބަރު ޕްލޭޓް ޖެހި ކާރު ދުއްވަން ފަލަސްތީނުގެ ރައްޔިތުން ދެކޮޅު ހެދިއެވެ. އިސްރާއީލުން 6 ދުވަހުގެ ހަނގުރާމައަށް ފަހު ހިފި ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުންގެ ލޭބަރުންގެ ގޮތުގައި ގިނަ ބަޔަކު ބޭނުން ކުރަމުން ދިޔައެވެ. ކުޑަ އުޖޫރައެއްގައި ބުރަ މަސައްކަތް އެމީހުން ލައްވައި ކުރުވިއެވެ. އަދި ބައެއް މަސްމަހު އުޖޫރަ ނުދީ ވެސް ބައިތިއްބައެވެ. އިސްރާއީލްގެ ލޭބަރުންގެ ގޮތުގައި އޭރު މަސައްކަތް ކުރި 40 އިންސައްތައަކީ ފަލަސްތީނީންނެވެ. މިއާ އެކު ފަލަސްތީނުގެ ރައްޔިތުން މަސައްކަތް ކުރަން ދެކޮޅު ހެދި ހިސާބުން އިސްރާއީލުގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އައެވެ. މުހިންމު ގިނަ މަސައްކަތްތަކެއް ކުރާނެ ބަޔަކު ނެތި، ކާރުޚާނާތައް ހުއްޓުނެވެ. ޑެލިވެރީ ކުރާނެ މީހުން ނެތި، ޓެކްސީ ދުއްވާނެ މީހުން ނެތި، އިސްރާއީލް ސިޓީ މުޅިން ގުޑުވައިލިއެވެ.

ގަލުގެ ހަމަލާތަކުން މުޅި އިސްރާއީލްގެ ލަޝްކަރު ގުޑުވާލި

ފުރަތަމަ އިންތިފާޟާގެ އަސްލު ސަބަބަކީ، "އިސްރާއީލްގެ ސިފައިން ފަލަސްތީނަށް ހައްޤެއް ނެތި އަނިޔާ ކުރުމާއި، ބަޑި ޖެހުމާއި، މެރުމާއި، ދިރިއުޅެމުން އަންނަ ގެތައް ހަލާކު ކުރުމާއި، ކެއުމަށް ހައްދައިފައި ހުންނަ ގޮވާންތައް ހަލާކު ކުރުމާއި، ވަޒަނުން ބޭރު ކުރުމާއި، ހައްޤަކާ ނުލައި ޖަލަށް ލުމާއި، ކުށެއް ސާބިތު ނުވިޔަސް، އަދި ކުށުން ބަރީއަވުމަށް ޖާގަ ނުދީ އުމުރަށް ޖަލަށްލުން" ފަދަ ކަންކަމުން މިންޖުވާން ނުކުތުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

5 އަހަރާއި 9 މަހާއި 10 ދުވަހަށް ދެމިގެން ދިޔަ ފުރަތަމަ އިންތިފާޟާއަށް އިސްރާއީލުން ކުރިމަތިލީ އެމީހުންނަށް ބޭނުން ކުރެވުނު ހުރިހާ ބާރަކާ އެކުގައެވެ.

ޣައްޒާއާއި ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ގައި އުޅެމުން ދިޔަ ފަަލަސްތީނުގެ ރައްޔިތުން ކުރަމުން ދިޔަ މުޒާހަރާ ރޫޅައިލުމަށް އިސްރާއީލްގެ 80،000 ސިފައިން އިސްރާއީލުން ފޮނުވިއެވެ. ގާބުރި ހިފައިގެން ނިކުތް ފަލަސްތީނުގެ ރައްޔިތުންނަށް ސިފައިން ހަމަލާ ދިނީ އަސްލު ވަޒަނުންނެވެ. އިންތިފާޟާގެ ފުރަތަމަ 13 މަހުގެ ތެރޭގައި 332 ފަލަސްތީނީން ޝަހީދުކޮށްލިއެވެ. އަދި އިންތިފާޟާގެ ފުރަތަމަ އަހަރުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ 53 ކުޑަކުދިން ޝަހީދުކޮށްލިއެވެ. ފަސް އަހަރަށް ދެމިގެން ދިޔަ މި އިންތިފާޟާގައި ޖުމްލަ 1,204 ފަލަސްތީނު މީހުން ޝަހީދުކޮށްލާފަައި ވެއެވެ. އަދި 120,000 މީހުން ޖަލަށް ލައިފައިވެއެވެ. ފަލަސްތީނުން ގާބިރުއާއި ޕެޓްރޯލް ބޮމުން ދިން ހަމަލާތަކުގައި ޖުމްލަ 120 އިސްރާއިލް މީހުން މަރުވިއެވެ.

އިސްރާއީލުގެ އޭރުގެ ދިފާއީ ވަޒީރު ޔިޓްޒަކް ރަބިން ބުނެފައި ވަނީ، އިސްރާއީލުގެ ޤާނޫންތަކަށް ތަބާނުވާ ނަމަ، އެކަމުގެ އަދަބު ދެވޭނެ ކަމަށެވެ. ޖަލަށް ލައި އަނިޔާ ކުރުމުން ވެސް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ދިޔަ މުޒާހަރާތަކާއި ހަޅުތާލުތައް ހުއްޓައި ނުލުމުން އިސްރާއީލުން ދެން ނިންމީ ބޮޑެތި އަދަދުތަކުން މީހުން ޖޫރިމަނާ ކުރާށެވެ. އަދި ފިހާރަތައް ބަންދުކޮށް، ކާތަކެތި ނުގަނެވޭ ގޮތަށް ކާފިއުއެއް ވެސް އިންތިފާޟާގެ ތެރެއިން ކުރިޔަށް ގެންދިޔައެވެ. މި ހުރިހާ ކަމަކާ އެކު ވެސް ފަލަސްތީނުގެ މުޖާހިދުން ދިޔައީ މުޒާހަރާތަކާއި ހަޅުތާލުތައް ވަރުގަދަ ކުރަމުންނެވެ.

ފުރަތަމަ އިންތިފާދާގެ ނަތީޖާ

5 އަހަރާއި 9 މަހަށް ދެމިގެން ދިޔަ ފުރަތަމަ އިންތިފާޟާ ނިމިގެން ދިޔައީ އޮސްލޯ އެކޯޑްސް އާއެކުގައެވެ. އޮސްލޯ އެކޯޑްސްއަކީ އިސްރާއީލާއި ފަލަސްތީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. އޮސްލޯ އެކޯޑްސްގެ ދަށުން ވެވުނު މިއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމެރިކާގައެވެ. މި އެކޯޑްސްގެ ދަށުން ޕީއެލްއޯއިން އިސްރާއީލަކީ ޤައުމެއްގެ ގޮތުގައި ބަލައިގަތެވެ. އަދި ޕީއެލްއޯއަކީ ފަލަސްތީނުގެ ކަންކަމުގައި ބަސް ބުނާ އިސް މަންދޫބުގެ ގޮތުގައި އިސްރާއީލުން ބަލައިގަތެވެ. ޕީއެލްއޯގެ އޭރުގެ ރައީސަކީ ޔާސިރު އަރަފާތެވެ.

އޮސްލޯ އެކޯޑްސްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު

މި އެކޯޑްސްގެ ދަށުން ޣައްޒާއާއި ހުޅަނގު އައްސޭރީގެ ވަކި ސަރަހައްދުތަކެއްގައި ފަލަސްތީގެ ވަގުތީ ސަރުކާރެއް ހިންގުމަށް އިސްރާއީލުން އެއްބަސްވިއެވެ. 5 އަަހަރަށް ހެދި މި އެކޯޑްސްގެ ބޭނުމަކީ ދެފަރާތުގެ މެދުގައި ވެސް ދެބަސްވުން ހުރިކަންކަން ފާހަގަކޮށް، އެކަންކަން ހައްލު ކުރަން ފަސް އަހަރުތެރޭގައި މަސައްކަތް ކުރުމެވެ.

ފަލަސްތީނިއަން ލެޖިސްލޭޓިވް ކައުންސިލް (ޤާނޫން ހަދާ މަޖިލީހެއް)އެއް އިންތިޚާބުކޮށް، 5 އަހަރު ދުވަހު ދުވަހުގެ މުއްދަތަށް ވަގުތީ ސަރުކާރެއް ހިންގުމަށް ފުރުސަތު ދިނުމަށް ފަހު 1999 ވަނަ އަހަރު ހުޅަނގު އައްސޭރީގައްޔާއި ޣައްޒާގައި ދެފަރާތުން އެއްބަސްވެވޭ ގޮތަކަށް ފަލަސްތީންގެ އަމިއްލަ ސަރުކާރެއް އުފެއްދުމުގެ ބާރު ވެސް މި އެސްކޯޑުން ފަލަސްތީނަށް ދެއެވެ.

އޮސްލޯ އެކޯޑުގައި ބުނާ ގޮތުން 5 އަހަރު ހަމަވާއިރު، އިސްރާއީލުން ހިޞާރުކޮށްފައިވާ ބިމުގެ ތެރެއިން ޔޫއެންއިން ފަލަސްތީނުގެ ބިމުގެ ގޮތުގައި ކަނޑައަޅާ ބިންތަކުން އިސްރާއީލްގެ ސިފައިން ފައިބަން ޖެހެއެވެ. އަދި ފުރިހަމަ ސަރުކާރެއް އުފެއްދެން ދެން ހުޅަނގު އައްސޭރީގައި ސަރުކާރު ހިންގުމުގެ ބާރުތައް ތިން ގޮތަކަށް ބަހާލެވުނެވެ. މިއަށް އޭރިޔާ އޭ،ބީ އަދި ސީ ގެ ނަމުން ނަންދެވުނެވެ.

އޭރިޔާ އޭއަކީ ފަލަސްތީނުގެ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުނެވެ. އަދި އޭރިޔާ ބީގައި ފަލަސްތީންގެ ސަރުކާރެއް އޮތަސް، ސެކިއުރިޓީ ބަލަހައްޓާނީ އިސްރާއީލް އަދި ފަލަސްތީންގެ ސިފައިން އެކުވެ އުފައްދާ ލަޝްކަރަކުންނެވެ. އަދި އޭރިޔާ ސީގައި ބުނެވި ދިޔަ އޭރިޔާ އޭ އަދި ބީ ނޫން އެހެން ސަރަހައްދުތަކަކީ އިސްރާއީލުގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅިއެވެ. އަދި 5 އަހަރުގެ މުއްދަތު ހަމަވެ، ފަލަސްތީނުގެ ސަރުކާރެއް އުފެދުމާއެކު ހުޅަނގު އައްސޭރިން އިސްރާއީލްގެ ބާރުވެރިކަން ކެނޑޭ ގޮތަށް ނިންމިއެވެ.

އޮސްލޯ އެކޯޑްގެ ފުރަތަމަ އެގްރީމެންޓްގައި ސޮއި ކުރެވިފައި ވަނީ 1994 ވަނަ އަހަރުގައެވެ. ކައިރޯ އެގްރީމެންޓްގެ ނަމުން ނަން ދެވުނު މި އެގްރީމެންޓްގެ ދަށުން ޣައްޒާގެ ބަޔަކާއި ޖެރިކޯގެ ވެރިކަން ހިންގުން ފަލަސްތީނަށް ހަވާލު ކުރެވުނެވެ. އަަދި އޭގެ އަހަރެއް ފަހުން، 1995 ވަނަ އަހަރު ހުޅަނގު އައްސޭރިން ބައެއް ފަލަސްތީނިއަން އޮތޯރިޓީއަށް ދިނުމުގެ އެއްބަސްވުމުގައި މިޞްރުގައި ސޮއި ކުރެވުނެވެ.

އެހެން ނަމަވެސް 1996 ވަނަ އަހަރު މިހާރުގެ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އިސްރާއީލްގެ ބޮޑު ވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވުމުން އަނެއްކާ ވެސް ހަމަނުޖެހުމަށް މަގު ފަހިވިއެވެ. އޭނާގެ ލިކުޑް ޕާޓީން ގަބޫލު ކުރާ ގޮތުގައި މުޅި ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ ބިމެކެވެ. އަދި އެތަނުގައި ވެރިކަން ކުރާނީ ޔަހޫދީންކަމަށް ބުނެ އޮސްލޯ ކޯޑްސްއަށް އޭނާ ފާޑު ކިޔެވެ. އިސްރާއީލްގެ ބޮޑު ވަޒީރު ކަމަށް އޭނާ އައީ ވެސް އެ އެގްރީމެންޓް ބާތިލު ކުރާނެ ކަމުގެ އުއްމީދު ދެމުންނެވެ.

އެމެރިކާގެ ކޭންޕް ޑޭވިޑްގައި އޮސްލޯ އެކޯޑްސްގެ ދާއިމީ އެއްބަސްވުމަކަށް އައުމަށް 2000 ވަނަ އަހަރު ނިންމިއެވެ. ނަމަވެސް އެއްބަސްވުމަކަށް ނާދެވި، ދެވަނަ އިންފިތާޟާއަކަށް ވެސް ދާން ޖެހުނެވެ.

- ނުނިމޭ -

  1. ފަލަސްތީން ގެ މުޖާހިދުންގެ ކެތްތެރި ކަމާއެވެ. އެބައި މީހުންގެ އީމާން ތެރިކަން އެހާމެ ވަރުގަދައެވެ. މާތް ރަސް ކަލާނގެ ރަހްމަތް މުޅި އިސްލާމީ ޢުންމަތަށް އޮއްސަވާނދޭވެ