މެދުއިރުމަތި

ސިއްރު ބައްދަލުވުމަކަށްފަހު އިސްރާއީލުން އުރުދުންއާއެކު އެއްބަސްވުމަކަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އުރުދުންނަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި އިސްރާއީލުން އުރުދުންއަށް ވިއްކާ ފެނުގެ މިންވަރު އިތުރު ކުރުމަށާއި އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް)އަށް ވިޔަފާރި މުދާ އެތެރެ ކުރެވޭ ހުއްދަ ދިނުމަށް އިސްރާއީލާ އެކު އުރުދުން އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ ވަނީ އިސްރާއީލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓާ ސިއްރިއްޔާތުގައި ބައްދަލުވުންތަކެއް ބާއްވައިފައެވެ.

އިސްރާއީލާއި އުރުދުންއާ ދެމެދު 1994ގައި ސުލްހައިގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެހެން ނަމަވެސް އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ތަކުރާރުކޮށް ދެމުންދާތީ އިސްރާއީލާއި އުރުދުންގެ ގުޅުމަށް ބުރުއެރުންތަކެއް ވަނީ އަރައިފައެވެ.

އުރުދުންގެ ބޯޑަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ފެނުގެ ވިޔަފާރިއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލަޕިދް އަދި އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީއެވެ.

އިސްރާއީލަކީ ވެސް ފެނުގެ ގޮތުން ދަތި ޤައުމަކަށް ވީނަމަވެސް އެޤައުމުން ދަނީ ލޮނު ފެން ބޯފެނަށް ބަދަލުކޮށް ފެނުގެ ވިޔަފާރި އަވަށްޓެރި ޤައުމުތަކާ އެކު ކުރަމުންނެވެ. މި އެއްބަސްވުމުގެ ދަށުން އިޒްރޭލުން އުރުދުންއަށް 50 މިލިއަން ކިއުބިކް މީޓަރުގެ ސާފު ބޯފެން ފޯރުކޮށްދޭނެއެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. 1994 އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން މިހާރު ވެސް އިސްރާއީލުން ދަނީ 30 ކިއުބިކް މީޓަރުގެ ސާފު ބޯފެން ކޮންމެ އަހަރަކު އުރުދުންނަށް އެތެރެ ކުރަމުންމެވެ. އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން އުރުދުންގައި 700 މިލިޔަން ޑޮލަރުގެ މުދާ ހުޅަނގު އައްސޭރީގައި އިންޕޯޓްކޮށްގެން ވިއްކޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!