ދިވެހި ސިނަމާ

އިއްލެގެ "މަޒްލޫމް"އިން މިފަހަރު "މާހިލް": 11 އަހަރުގެ ހުނަރުވެރި މޮޅު ތަރިއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީ ޒަމާނާ އަޅާ ބަލާއިރު ދިވެހި ފިލްމީ ދާއިރާ މިވަނީ އެތައް ހަރުފަތެއް ގިރާކޮށް ކުރިއަށް ޖެހިލާފައިކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އައު ވާހަކަތަކަކާއި އައު ހާދިސާތަކަކާ އެކު އައު މޫނުތަކެއް ވެސް މިހާރު މިވަނީ މި ދާއިރާއަށް ތައާރަފުވާން ފަށައިފައެވެ.

Ads by MWSC

އައު މޫނުތަކުގެ ވާހަކަ ދައްކައިލާއިރު، މަޝްހޫރު ފިލްމު ޑައިރެކްޓަރ އަދި ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ)ގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ "މަޒްލޫމް" ގެ ދެވަނަ ޗެޕްޓަރގައި ހިމެނޭ ހުނަރުވެރި މުޙައްމަދު މާހިލްގެ ނަން ވެސް މިހާރު ކުލަގަދަކޮށް ފާހަގަ ކޮށްލެވެއެވެ.

އުމުރުން އެންމެ 11 އަހަރުގެ މާހިލް ކުޅެނީ "މަޒްލޫމް"ގެ ދެވަނަ ޗެޕްޓަރ ކަމަށްވާ "ޒައްރޫކް"ގެ ލީޑް ރޯލެވެ. އެ ސީރީޒްގައި ދެން އިތުރަށް ހަރަކާތްތެރި ވަނީ މިހާރު ގިނަ ޕްރޮޖެކްޓުތަކަކުން ފެންނަމުންދާ ނަތާޝާ ޖަލީލްއާއި އަހުމަދު ޝާރިފްއެވެ.

"މަޒްލޫމް"އަށް މާހިލް ނެގީ އިއްލެ އުފައްދަމުން ދިޔަ "ބިރުވެރި ވާހަކައިގެ" އޯޑިޝަނުން ކަމަށް "ދެން" އަށް މައުލޫމާތު ދެމުން އިއްލެ ބުންޏެވެ. އޯޑިޝަނަށް އައި ފުރަތަމަ ދުވަހު ވެސް މާހިލްގެ ހުނަރު ވަރަށް ފުރިހަމައަށް ފެނުނު ކަމަށް ވެސް އިއްލެ ބުންޏެވެ.

"ވަރަށް ހުނަރުވެރި، ވަރަށް މޮޅު. ހަމަ އެއް ޝޮޓުން ވެސް އެބަހުރި ބައެއް ޝޮޓްތައް ނަގައިފައި. ޑަޔަލޮގްތައް ދޭ ގޮތް ވެސް ވަރަށް ފުރިހަމަ" އަރަމުން އަންނަ އެ ކުޑަކުޑަ ތަރިއާ ބެހޭގޮތުން އިއްލެ ބުންޏެވެ.

"ޒައްރޫކް" ގެ ޝޫޓިންގް ފަށައިފައި ވަނީ ތިން ދުވަހުގެ ޕްރެކްޓިސްއަށް ފަހު ކަމަށް ވެސް އިއްލެ ބުންޏެވެ.

"މަޒްލޫމް" އަކީ ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސް ގުޅިގެން، މުޖުތަމައުގައި ހުންނަ އެކިއެކި ހާދިސާ ނުވަތަ މައްސަލަތަކަށް ބިނާކޮށް ހަދައިފައިވާ ކުރު ފިލްމެކެވެ. އެގޮތުން "މަޒްލޫމް"ގެ މާނައަކީ "ވިކްޓިމް" ކަމުގައި ވެސް އިއްލެ ބުންޏެވެ. މި ފިލްމުގެ ފުރަތަމަ ޗެޕްޓާގައި ހަރަކާތްތެރި ވެފައިވަނީ ނުޒޫ، އިފްނާޒް، ވާޝިޔާ އަދި ޝަރަފްއެވެ، މި ފިލްމު ދެއްކުމަށް ހަމަޖެހިފައި ވަނީ ބައިސްކޯފުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!