ޚަބަރު

ރައީސް ޔާމީން މިނިވަން ކުރާނީ ޝަރުއީ ނިޒާމުގެ ތެރެއިން، ޑީލެއް ނުހައްދަވާނެ: ޝިޔާމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އަޙްމަދު ޝިޔާމް / ފޮޓޯ: ދެން އިމޭޖްސް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރަން އިދިކޮޅުން ޑީލެއް ނުހައްދަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ އެކު ދެން ސިޔާސީ ގޮތުން ނުހުންނެވޭނެކަން މިއަދު އިއުލާން ކުރެއްވުމަށް ފަހު، ނަޝީދު އިއްޔެ ވަނީ ވަނީ ޕީޕީއެމްއާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިއަދު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ޑީލެއް ހައްދަވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެމްޑީޕީގެ އިސް ބޭފުޅުން ރައީސް ޔާމީންގެ ދިފާޢުގައި ވާހަކަ ދައްކަވަމުންދާތީ އެކަން ކަށަވަރުވާ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރަން ޑީލެއް ހައްދަވަން ނުޖެހޭނެ ކަމަށާއި މިނިވަން ކުރައްވާނީ ޝަރުޢީ ނިޒާމުގެ ތެރެއިން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް ރައީސް ޔާމީން މިނިވަން ކުރާނީ ޝަރުޢީ ނިޒާމުގެ ތެރެއިން. މިނިވަން ވެގެން 2023ގައި ވާދަ ކުރައްވާނެ. އެމްޑީޕީއާ އެކު ކޮން ޑީލެއްތޯ ހަދަން އޮންނާނީ، މިދެ ޕާޓީގެ ސިޔާސަތު އުޑާ ބިމާހާ ތަފާތު" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަފުޅުގައި ވިދާޅުވީ، ޕީޕީއެމްއަކީ ޑީލް ހަދާ ޕާޓީއެއް ނޫން ކަމަށާއި ކުރާ ކޮންމެ ކަމެއް ކުރައްވާނީ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އަދި އެއީ ޕީޕީއެމްގެ ސިޔާސަތު ކަމަށާއި ރައްޔިތުން ޕީޕީއެމްއަަށް ތާއީދު ކުރާ އެއް ސަބަބަކީ ޕީޕީއެމްއަކީ ފޮރުވައިގެން އަޑިއަޑިން ކަންކަން ކުރާ ޕާޓީއަކަށް ނުވުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްއިން ރައީސް ނަޝީދުގެ ފިކުރަށް ޖާގަ އޮތްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމް އަދި އެމްޑީޕީގެ ފިކުރު ވަރަށް ތަފާތު ކަމަށާއި އެކުގައި ނުފެންނާނެ ކަމަށެވެ. އަދި އަލަށް ވަރަށް ގިނަ ޕާޓީ ، އެކި ބޭބޭފުޅުން ހައްދަވާ ކަމަށާއި ނަޝީދުގެ ސިޔާސަތުތައް އެޕާޓީތަކުގެ ވެރިންނާ ހިއްސާ ކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!