ޗައިނާއާ ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޞާލިހް މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ފޯނުން ގުޅުއްވައި ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ ޝައުޤުވެރިކަން ހުރި ދާއިރާތަކުން މަޝްވަރާ ކުރައްވައިފިއެވެ.
މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީ.ޕީ.ސީ)އަށް މި ޖުލައި މަހުގެ ފުރަތަމަ ދުވަހު 100 އަހަރު ފުރުމާ ގުޅިގެން އެކަމަށް ޓަކައި މަރުޙަބާ ދަންނަވައިފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސީ.ޕީ.ސީއަކީ ހަމަހަމަކަމަށް ގޮވައިލާ، ކާމިޔާބު އަދި ބައިނަލްއަޤުވާމީ ގޮތުން އޮންނަ ގުޅުން ވަރުގަދަވެފައިވާ ޕާޓިއަކަށް ވެފައި ވަނީ ޝީ ޖިންޕިންގ ހަރުދަނާ ހިންގުންތެރިކަމުގެ ދަށުންކަމުގައި ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ޗައިނާއިން މުޅި ދުނިޔެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަށް ވެސް މިދިޔަ މާރިޗު މަހު 200،000 ޑޯޒް ސިނޯފާމް ވެކްސިން ޗައިނާއިން ހަދިޔާ ކުރައްވައިފައި ވާތީ އެކަމަށް ޓަކައި ޗައިނާގެ ރައީސްއަށާއި، އެޤައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވާފައެވެ.
މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ ކުރިއަށް އޮތް އަހަރު 50 އަހަރު ފުރޭއިރު، މިހާތަނަށް ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.
މި ފޯންކޯލުގައި ޗައިނާގެ ރައީސް ވެސް ވަނީ ދެ ޤައުމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން، ޗައިނާގެ ރައީސް ވަނީ ދެޤައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.
ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ކައިރި މުސްތަޤްބަލެއްގައި ޗައިނާއިން ރާއްޖެއަށް އިތުރު ވެކްސިން ހަދިޔާކުރުމަށް ނިންމަވާފައިވާކަން ފާހަގަ ކުރެއްވެވިއެވެ. އަދި، މީގެ އިތުރުން ވެސް ޗައިނާއިން ރާއްޖެއަށް އެހީވެވެން ހުރި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައިވާކަން ވެސް ފާހަގަކުރެއްވެވިއެވެ.
މި ފޯނުކޯލު ނިންމަވައިލައްވަމުން ދެ ޤައުމުގެ އިސް ވެރިން ވެސް ވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށް ފާހަގަކުރައްވާ ދެ ޤައުމުގެ މެދުގައިވާ ގުޅުންތައް ހަރުދަނާ މިސްރާބަކަށް ގެންދެވުމުގެ އަޒުމް އާކުރައްވާފައެވެ.