ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓު 500 ޑޮލަރަށް އިތުރުކޮށްފި
ކޮވިޑް19ގެ ސަބަބުން ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު ލިމިޓް ކޮށްފަައި އޮތުމަށް ފަހު އެ ލިމިޓު 500 އެމެރިކާ ޑޮލަރަށް އިތުރު ކޮށްފިކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ޑޮލަރު ލިބުން ދަތިވެ ބޭރުގެ މުއާމަލާތްތައް ކުރުމަށް ލިމިޓްކުރި އިރު ޑެބިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވެނީ މަހަކަށް 250 ޑޮލަރެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ލިމިޓަކީ މަހަކު 750 ޑޮލަރެވެ. މީގެ އިތުރުން ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް އެމެރިކާ ޑޮލަރުން ކަނޑައަޅައިފައިވާ ކަސްޓަމަރުންނަށް ލިމިޓަކީ ދުވާލަކު 3000 ޑޮލަރެވެ. ކްރެޑިޓު ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓު 500 އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާ ކުރެވުން ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރެވޭނެކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، ސިއްހީ އަދި ތައުލީމީ ކަންތައްތަކާ ގުޅިގެން ކާޑުން އިތުރަށް ކުރަންޖެހޭ ބޭރުގެ މުއާމަލާތްތަކަށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުން، ވަގުތީ ގޮތުން އެ ކާޑެއްގެ ލިމިޓަށް ބަދަލު ގެނެސްދޭނެ ކަމަށެވެ.
ނަމަވެސް، ބީއެމްއެލްގެ ޑެބިޓު ކާޑުން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ..