ރައީސުލްޖުމްހޫރިއްޔާ ހަނިމާދުއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހަނިމާދުއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ހަނިމާދުގައި މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތްތައް ރައީސް ފައްޓަވައިދެއްވާނެއެވެ.
ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގެ 20 މަގެއްގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.
ރައީސްގެ ދެކަނބަލުން މިހާރު ހަނިމާދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދުއަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ހދ. ހަނިމާދޫއަށް ވަނީ ވަޑައިގަންނަވައިފައެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގެންފައިވެއެވެ.