ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވެފައި ވަނީ މީސްމީޑިއާގައި ވެކްސިންއާ ގުޅޭ ގޮތުން ސައްޙަ ނޫން މަޢުލޫމާތު ފަތުރަމުންދާތީ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ބައިޑަން ވިދާޅުވީ، އެމެރިކާގައި ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށާއި އަދި މިގޮތަށް ކަންތައްވާން މެދުވެރިވީ ސައްހަ ނޫން މަޢުލޫމާތުތަކުގެ ސަބަބުން ކަމަށެވެ. މިފަދަ މަޢުލޫމާތުތައް މީސްމީޑިއާގެ މަންސަތަކުގެ ސަބަބުން ދައުރުވާ ކަމަށާއި މިކަމުގެ ސަބަބުން ވެކްސިނަށް މީހުން ކުރާ އިތުބާރު ކުޑަވެފައިވާ ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.
"ވެކްސިން ނުޖަހާ މީހުން އިންތިހާއަށް ގިނަ. އެއީ މީސްމީޑިއާގައި ހުންނަ ފޭކް މައުލޫމާތު އަޑު އަހާ މީހުން. މިގޮތަށް މަޢުލޫމާތު ހިއްސާ ނުކުރަމާ، ފޭކް މައުލޫމާތު ހިއްސާކޮށްގެން އެތަކެއް ބައެއް ހަލާކުގެ ތެރެއަށް އެބަ ވައްޓާލެވޭ" ބައިޑަން ވިދާޅުވިއެވެ.
ރައީސް ބައިޑަން މިގޮތަށް ވާހަކަފުޅު ދައްކައިފައި މި ވަނީ އެމެރިކާގައި ވެކްސިން ޖެހި މީހުންގެ ނިސްބަތް މި މަހުގެ 4 އާ ހަމައަށް 70 ޕަސެންޓް ގެންނަން ހިފި އަމާޒު ހާސިލުނުވުމުންނެވެ.
ބައިޑަންގެ މި ވާހަކަތަކަށް ބައެއް މީސްމީޑިއާ މަންސަތަކުން ވަނީ ރައްދު ދީފައެވެ. މިގޮތުން ފޭސްބުކްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފޭސްބުކް ބޭނުން ކުރާ އެމެރިކާ 85 އިންސައްތަ މީހުންނަކީ ވެކްސިން ޖެހުމާ އެއްކޮޅު މީހުން ކަމަށެވެ. އަދި ލަނޑުދަޑިއެއް ހާސިލްނުވުމަކީ ބްލޭމް ގޭމް ކުޅެން ޖެހޭ ސަބަބެއް ނޫން ކަމަށް ފޭސްބުކުން ބުނެފައި ވެއެވެ.
މިދިޔަ އަހަރު ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ގައުމުގެ ގޮތުގައި ފާހަގަކުރެވުނު އެމެރިކާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 161 މިލިއަނެވެ. އެއީ އާބާދީގެ 49 ޕަސެންޓް މީހުންނެވެ.