އެމެރިކާގެ 25 މިލިއަން މީހުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި

ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް ޓަކައި އެމެރިކާއިން މިހާތަނަށް ޖުމުލަ 75 މިލިއަން ޑޯޒްގެ ވެކްސިން ޖަހައިފިއެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ 50 މިލިއަން މީހުންނަށް ފުރަތަމަ ޑޯޒްގެ ވެކްސިން ދެވިފައިވާއިރު، 25 މިލިއަން މީހުންނަށް ވަނީ ދެވަނަ ޑޯޒްގެ ވެކްސިން ވެސް ދެވިފައެވެ.
މީގެ އިތުރުން ދުވާލެއްގެ މައްޗަށް އެމެރިކާގައި 1.7 މިލިއަން ވެކްސިން ކޮންމެ ދުވަހަކު ވެސް ދެވޭ ކަމަށް އެ ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
ކޮވިޑް-19 އިން ސަލާމަތް ވުމަށް ޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ވެކްސިން ޖަހަމުންނެވެ. އެގޮތުން ރާއްޖޭގައި ޖުމުލަ 117،115 މީހުންނަށް މިހާތަނަށް ވެކްސިން ދެވިފައި ވާއިރު، އިއްޔެ އެކަނި ވެސް ރާއްޖޭގެ 5،700 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވާކަމަށް އެޗްޕީއޭގެ ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.