އެމެރިކާ ދުނިޔެ

އެމެރިކާގައި ވެކްސިން ޖަހާ ކޮންމެ މީހަކަށް 100 ޑޮލަރު!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގައި ކޮވިޑް-19 ދިފާޢުގައި ޖަހަމުން އަންނަ ވެކްސިން ޖަހާ ކޮންމެ މީހަކަށް 100 ޑޮލަރު ދޭން ސްޓޭޓް ސަރުކާރުތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

ޖޯ ބައިޑަން މިގޮތަށް ގޮވައިލައްވައިފައި ވަނީ އެމެރިކާގައި ކޮވިޑް-19 ވެކްސިން ޖަހާ މީހުންގެ އަދަދު ދަށްވުމާ ގުޅިގެން ވެކްސިން ޖަހަން ގިނަ ބަޔަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ވެކްސިން ޖަހާ ކޮންމެ މީހަކަށް 100 ޑޮލަރު، އެމެރިކާގެ ރެސްކިއު ޕްލޭން ފަންޑްގެ ދަށުންް ދިނުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ 350 ބިލިޔަން ޑޮލަރު ސްޓޭޓް ސަރުކާރުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ޑިޕާޓްމެންޓްއިން ވިދާޅުވިއެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގައި މިހާރު އިއްޔެވަނީ އެ ޕްރޮގްރާމް ފަށައިފައެވެ.

މީގެ އިތުރުން ވެކްސިން ޖަހާ މީހުންނަށް، އެމެރިކާގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްއިން ބައެއް މަޢާފްކުރަން ވެސް ވަނީ ނިންމައިފައެވެ.

އެމެރިކާގައި ވެކްސިން ޕްރޮގްރާމަށް އެމެރިކާގެ ސަރުކާރުން ކަނޑައަޅައިފައިވާ ލަނޑުދަނޑި ހާސިލްނުވާތީ އެކަމާ ރައީސް ބައިޑަން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެމެރިކާގައި ހަލުވިކަމާ އެކު ޑެލްޓާ ވޭރިއަންޓް ފެތުރެމުން އަންނައިރު، މި ދަނޑިވަޅުގައި ވެކްސިން ޖެހުން އަވަސް ކުރަން، ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒް (އެންއައިއޭއިޑީ)ގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީވެސް ވަނީ ގޮވައިލައްވައިފައެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 އެންމެ ގިނަ މީހުން ޖެހިފައި ވަނީ އެމެރިކާއިންނެވެ. އިއްޔެއާ ހަމައަށް އެމެރިކާއިން 35,689,184 މީހަކަށް މި ބަލި ޖެހިފައިވާއިރު، 629,072 މީހަކު ބަލީގައި މަރުވެފައިވެއެވެ.

Ads by Allied Insurance
  1. Adindaa19

    މި ޤައުމުގަވެސް 100 ޑޮލަރު ދޭނެ އަދި .