ޚަބަރު ސިޔާސީ

ސިޔާސީ ކަންކަމުގައި އައްޑޫ މީހުން ބަސް ބުނުމުން ،މާލޭ އިއްޒަތްތެރިން ހަނގާ ކުރޭ: މަވޯޓާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސިޔާސީ ކަންކަމުގައި އައްޑޫ މީހުން ބަސް ބުނުމުން، މާލޭގެ އިއްޒަތްތެރިން އެ ބޭފުޅުންނަށް ހަނގާ (ބްލީ) ކުރައްވާ ކަމަށް ވިދާޅުވެ، އެކަމާ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by STELCO

ޝަރީފް މިހެން ވިދާޅުވެފައި ވަނީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ބަޔަކު ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ޚިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވުމުން އެމްޑީޕީގެ ބައެއް މެންބަރުންގެ ފާޑު ކިޔުން އެމަނިކުފާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ މީހުން ސިޔާސީ ގޮތުން ބަސް ބުނުމުން މާލޭގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީ ކުރުމަކީ ރޭވިގެން ހިންގާ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަސްލަމްގެ އިތުރުން ރައީސް ނަޝީދަށް ތާޢީދު ކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ސަރުކާރު ދިފާޢު ކުރައްވާތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ވެސް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރައީސް ނަޝީދަށް ތާޢީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ސަރުކާރުން ކޯލިޝަން ރުއްސަން އެމްޑީޕީގެ މަޤްސަދުތައް ފުޑާލާ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވަމުންނެވެ. މިވާހަކަތަކަށް ވެސް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ. މިގޮތުން ވިދާޅުވީ، ރައީސް ޞާލިޙް ކުރައްވާ ކަމަކީ އެމަނިކުފާނު ރައްޔިތުންނަށްވެ ވަޑައިގެންފައިވާ ވަޢުދުތައް ފުއްދުން ކަމަށެވެ. އަދި ކޯލިޝަން ރުއްސަން ކުރާ ކަމެއް ، ބޮޑުވާ ބިއްލޫރި އަޅައިގެން ވެސް ނުފެނުނުކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!