ޚަބަރު

ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ބަހެއް އަދި ނުލިބޭ: ފުލުހުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު އެހަމަލާގެ ތަހްގީގަށް ރައީސް ނަޝީދުގެ ބަހެއް މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ ހަމަލާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށާއި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރައްވަމުން ދާކަމަށެވެ.

ރިޔާޒް ވިދާޅުވީ ހަމަލާގެ މައުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ލިބިވަޑައިގަންނަވާފައިވާކަމަށް ތަހްގީގަށް އެނގިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އަދި މިތަހްގީގަށް ސީދާ ރައީސް ނަޝީދުގެ ފަރާތުން ސާފު ކުރަން ޖެހޭ މައުލޫމާތު ހުރި ނަމަވެސް މިހާތަނަށް މި ތަހުގީގަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަހެއް ލިބިފައިނުވާކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދިން މީހުންނަކީ ރައީސް ނަޝީދުގެ ލޭ ހުއްދަކޮށް، ރައީސް ނަޝީދަކީ އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަރާތެއް ކަމަށް ނިންމައި، އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ނިންމައި އަދި ރައީސް ނަޝީދަކީ މަރައިލާން ޖެހޭ މީހެއްގެ ގޮތުގައި ދެކޭ ބައެއް ކަމަށެވެ

ހަމަލާ އަމާޒުވެ ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އަދިވެސް ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!