ޚަބަރު

ރޭގެ ޕްރެސްގައި ދެއްކި ވާހަކަތަކާ ގުޅިގެން އުފެދުނު ބިރުވެރިކަން މާ ބޮޑު: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން އުފެދުނު ބިރު މާ ބޮޑުކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފައިވާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ދިވެހި ފުލުހުންގެ ހިދުމަތުންނާއިި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުގެ މައްޗަށް، ސަރުކާރުން އަމަލުކުރަން އެމްޑީޕީން ދެކޭގޮތް ހާމަކުރުމެވެ.

ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ މިނިވަން ދުވަސް އައި އިރު ރާއްޖެ މިއޮތީ ބިރުވެރިކަމެއްގައި ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަމެއް ސަރުކާރުން ނުދެއްވީތީ އެކަމާ ކަންބޮޑުވާކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގެ ތަހުޤީޤަށް ހޯދުނު ހޯދުންތައް ވަރަށް ތަފްސީލްކޮށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހަމަލާދިން މީހުންނާއި، އެކަންކުރި ގޮތާއި، އެކަން ކުރި ސަބަބު ވެސް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އެ ޙަމަލާ ދިނުމަށް ހުޅުމާލެ އަދި މާލޭގައި އެ މީހުން ހަރަކާތްތެރިވި ސަރަޙައްދުތައް ދެނެގަނެ ރޭގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ވީޑިއޯއެއް ވެސް ފުލުހުން ވަނީ ޙިއްސާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!