ފުލުހުން މަސައްކަތް ކުރަނީ ފަންޑު ކުރި ބަޔަކު ނެތްކަން ދެއްކުމަށް: ވައްޑެ

މެއި ހަވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދެވުނު ހަމަލާ ފަންޑު ކުރި ބަޔަކު ނެތް ކަމަށް ދައްކަން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހުގެ އަދާހަމަ ހިއްސާ ކުރެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މިއީ ބަޔަކަށް ނުވަތަ މީހަކަށް ފައިސާ ހުށަހެޅިގެން، އިނާމެއް ހުށަޅިގެން ކުރި ކަމަކަށް ވުރެ ބޮޑަށް ބެލެވެނީ ނަފްރަތުގެ އަމަލަކާ ކަމަށެވެ. އެހެން ނަމަވެސް ބަޔަކު މިކަމަށް ފަންޑު ނުކުރާ ކަމަށް ނުނިންމާ ކަމަށާއި އެކަން އަދިވެސް އިތުރަށް ބަލާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި ބޭނުން ކުރި ސައިކަލު ގަތުމަށާއި ސައިކަލުގެ މަރާމާތަށް ފައިސާ ޚަަރަދުވިއިރު، ހަމަލާދިން މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ބަޔަކަށް ވީހިނދު އެކަން ކުރުމަށް ފައިސާ ހޯދީ ކިހިނެތްތޯ ވައްޑެ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ގެސްޓްހައުސްއެއް ހިފައި އެތައް ދުވަހަކު އެތާ ތިބިއިރު، މިކަމަށް ޚަރަދުތަކެއް ހިނގާނެކަން ފާހަގަކޮށް، ހަމަލާއަށް ފަންޑު ކުރި ބަޔަކު ނެތްކަން ދައްކަން ވާހަކަ ދެކެވުމުން ސުވާލު އުފެދޭ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
"އެއްވެސް ވަޒީފާއެއް އަދާނުކުރާ ބަޔަކު ވެހިކަލް ގަނެ، ގެސްޓްހައުސް/އެޕާޓްމެންޓްތައް ހިފައި، އެތައް ދުވަހެއް ވަންދެން އެތައް ރޭވުމެއް ރޭވުމުގައި ދެމިތިބިކަން ތަހުގީގަށް އެނގޭއިރު، މިކަމަށް ފަންޑުކުރި ބަޔަކު ނެތްކަން ދައްކަން ވާހަކަ ދެއްކުމުން ސުވާލު އުފެދޭ!" ވައްޑެގެ ޓްވީޓްގައި ވިދާޅުވިއެވެ.
ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 300 އަށްވުރެ ގިނަ މީހުންގެ ބޭންކް ސްޓޭޓްމަންޓް ދިރާސާ ކޮށްފައިވާކަން ފާހަގަކޮށްލެެއެވެ.
ވައްޑެގެ ޓްވީޓްތަކުގައި ފުލުހުންނަށް ވަރަށް ބޮޑެތި ފާޑު ކިޔުންތައް ވަނީ އަމާޒު ކުރައްވާފައެވެ. މިގޮތުން 2019އިން ފެށިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ތަކުރާރުކޮށް އެތައްފަހަރަކު މަސައްކަތް ކުރި އިރު އަޅައިނުލާ ތިބީ ކީއްވެތޯ ވައްޑެ ވަނީ ސުވާލު އުފައްދަވާފަައެވެ.