ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 30 ދުވަސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އިސްހާގާއި ފަހުމީ އަލީ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.

އެނގިފައިވާ ގޮތުގައި ދެ މީހުންނަށް ބަންދުގެ މުއްދަތު ޖެހީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން އެ ހަމަލާއާ ގުޅިގެން ފުލުހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މ. އުދެހިގޭ އިސްހާގަކީ އެ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި އެކަކު ކަމަށެވެ. އަދި ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އިސްހާގް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިސްހާގުގެ އިތުރުން ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީއަކީ ވެސް ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ މީހެއްކަން އެރޭގެ ބައްދަލުވުމުގައި ފުލުހުން ފާހަގަ ކުރައްވައިފައި ވެއެވެ.

އިސްހާގާއި ފަހުމީގެ ބަންދަށް އިތުރު 30 ދުވަސް ދީފައިވަނީ، އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ކުރިން ދިން މުއްދަތު ހަމަވާތީ ބުރާސްފަތި ދުވަހު އެ ކޯޓަށް ގެންދިއުމުންނެވެ. އެ މީހުންގެ ބަންދަށް އެންމެ ފަހުން މި ދިން 30 ދުވަސް ހަމަވާނީ އަންނަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!