އޭޝިއާ

ކޮވިޑް-19 ފިޔަވަޅަށް އަމަލު ނުކުރާ ސައުދީ މީހުން ތިން އަހަރު ދުވަހުގެ ރަށު ބަންދަކަށް

މުޙައްމަދު ސަނީޙް

ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފައިވާ އެތެރެ ނުވެވޭ ޤައުމުތަކަށް ދަތުރު ކުރާ ފަރާތްތައް އެނބުރި ގައުމަށް ދިޔުމުން ތިން އަހަރު ވަންދެން ގައުމުން ބޭރު ނުވެވޭގޮތް ހަދަން ނިންމައިފިއެވެ.

ސައުދީ އިން މިގޮތަށް ނިންމާފައިވާއިރު، އެޤައުމުގައި ކޮވިޑް-19 ޑެލްޑާ ވޭރިއަންޓް ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ،

އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ޤައުމުގެ ބައެއް ފަރާތްތަކުން ރެޑް ލިސްޓްކޮށްފައިވާ ޤައުމުތަކަށް ދަތުރު ކުރާކަން ފާހަގަވާ ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރުމުން މުޅި ޤައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލާ ކަމަށާއި މިކަމުގެ އަދަބެއްގެ ގޮތުން އެނބުރި އައުމުން ދެން ތިން އަހަރު ވަންދެން ޤައުމުން ބޭރު ނުވެވޭ ގޮތް ހަދާނެ ކަމަށެވެ.

"މަނާކޮށްފައިވާ ޤައުމުތަކަށް ދަތުރު ކުރާ ފަރާތްތަކާއި އެކަމަށް ވާގިދޭ ފަރާތްތަކާއި އެކަން ކުރަން ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރާ ފަރާތްތަކަށް ވެސް އަދަބު އޮންނާނެ. އެއީ ރަށުގައި ބަންދު ކުރުން. އެއީ ޑައިރެކްޓްކޮށް ނުވަތަ އިންޑައިރެކްޓްކޮށް ވެސް މަނާކޮށްފައިވާ ޤައުމަކަށް ގޮސްފައިވާ ނަމަ" ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

ސަޢުދީން އެރުން މަނާކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، 16 ޤައުމެކެވެ. އޭގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، މިޞްރު، ތުރުކީ އަފްގާނިސްތާނު ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!