ރައީސް ޔާމީންގެ ވެރިކަން ނިމުމަށް އައިސްފި ނަމަ ކަންވާނެ ގޮތްކަމަށް ލަފާ ކުރި ގޮތަށް ކަންވެ ނިމިއްޖެ: ޑރ.ޝަހީމް
2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުމަކަށް އައިސްފިނަމަ ދެން ކަންތައް ވެގެންދާނެ ކަމަށް ލަފާ ކުރެވޭ ގޮތް އޭރު ވިދާޅުވި ކަމަށާއި މިއަދު ކަންކަން ވެގެން އެ ދަނީ އެގޮތަށް ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"މިނިވަންކަމުގެ ދިފާޢުގައި ދިވެހީން"ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ ކެންޕެއިން އިފްތިތާޙް ކޮށްދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވަތަނީ ވެރިކަން ބަދަލުވެގެން ހިގައްޖެ ނަމަ ދިވެހި ރާއްޖެއަށް ކުރިމަތިވެގެން ހިނގައިދާނެ ކަންތައްތަކުގެ ކޮންމެވެސް ވަރެއްގެ ތަސްވީރެއް 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ކުރެއްސެވި ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ބަދަލުވެއްޖެ ނަމަ ރާއްޖޭގެ ވަޙްދަތާއި ކުރިމަތިވެދާނެ ގޮންޖެހުންތަކެއްގެ ވާހަކައާއި އިޤްތިޞާދަށާއި އެއްބައިވަންތަކަމަށް އަންނާނެ ބަދަލުތަކުގެ ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެ ވިދާޅުވީ، މިއަދު އެ ދެއްކި ވާހަކަތައް ހަޤީޤަތަށް ވެފައިވާ ކަމަށެވެ.
"ދިވެހި ރާއްޖޭގެ މިނިވަންކަމާއި ދިވެހި ދަޢުލަތުގެ ސިޔާދަތަށް މިއަދު މިވަނީ ލޮޅުން އަރާފަ. ދިވެހި ރާއްޖޭގެ އިޤްތިޞާދަށް މިވަނީ ހީނަރުކަން އައިސްފަ. ދިވެހި ރާއްޖޭގެ މަދަނީ ތައްޤީއަށް މިވަނީ މަޑުޖެހުމަށް އައިސްފައި. ދިވެހި ރާއްޖޭގެ އެންމެ މުހިންމު އަސާސް ކަމުގައިވާ އިސްލާމީ ވަޙްދަތަށް މިވަނީ ގޮންޖެހުންތައް ކުރިމަތިވެފައި" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވީ، މިއީ ރާއްޖޭގެ އެންމެހާ ރައްޔިތުން ހިތްވަރާއި އަޒުމުގައި ސަފުތައް ރުކުލަވާލަންވީ ވަގުތު ކަަމަށާއި ޤައުމުގެ ހާލަތު ރަނގަޅު ކުރަން ބޭނުން ކުރަން ބޭނުން ނަމަ، އަމިއްލަ ހާލަތު ބަދަލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ އެންމެން އެއްބައިވެ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
"ރާއްޖޭގެ ތިއްބެވި ތަޢުލީމީ ބޭފުޅުން، ޤާބިލް ބޭފުޅުން. ޤައުމުތެކެ ލޯބިވާ ބޭފުޅުން، މާތްވެގެންދާ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތާ އެންމެހާ ރައްޔިތުން، ޕީޕީއެމްގެ ޒަޢާމަތާއެކުގައި ދިވެހި ޤައުމަށްޓަކައި އެބަ ޖެހޭ އެއްބައިވަންތަ ވާން." ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމްގެ ވާހަކަފުޅުގައި ޒުވާނުންނަށް މުޚާތަބު ކުރައްވައި ވިދާޅުވީ، "ކޮންމެ ހަޟާރަތެއް ވެސް ކުރިއަރައިގެންދާނީ ދެ ޖިންސުގެ ޒުވާނުން ތެދުވެ އަޑުއުފުލައިގެން" ކަމަށާއި މިއަދު ރާއްޖެއަށް ބޭނުން ވަނީ ޒުވާނުންގެ ހިތްވަރު ކަމަށެވެ. އަދި ރާއްޖޭގައި މިއަދު ވެގެންދާ ކަންކަމަށް އަޅައިނުލާ ދޫކޮށްލެވިއްޖެ ނަމަ ޤައުމަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް ފާހަގަ ކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ، ޕީޕީއެމްއާއެކުގައި މަސައްކަތް ކުރެއްވުމަށް ދަޢުވަތު ދެއްވާ ކަމަށެވެ. އަދި ޕީޕީއެމްއިން ހުރިހާ ރައްޔިތުން، އެއްވެސް ތަފާތު ކުރުމެއް ނެތި ޕާޓީއަށް މަރުޙަބާ ކިޔާނެ ކަމަށާއި ޤައުމަށް ބޭނުންވި ވަގުތު އެންމެހާ ރައްޔިތުން ޤައުމަށް ޓަކައި އެއްބައިވުމަށް ގޮވައިލާކަމަށް ވިދާޅުވިއެވެ.
ޜަނގަޅު ނަސެެެ ހަތު
ފަހުންވާނެގޮތް ބުނަން އެނގޭގޮލައެއް..