ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނުގެއްލޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މިހެން ވިދާޅުވީ މަޖިލީހުގެ ފަސް މެމްބަރަކު އިސްވެ އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގައި މިހާރު ވެސް ހަތް މެމްބަރަކު އެބަތިއްބެވި ކަމަށާއި އުއްމީދަކީ މަޖިލީހުގައި ދެ ވަނައަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ މަގާމަށް ވާސިލްވުން ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހާމަކުރެއްވުމާ ގުޅިގެންނެވެ.
ކާނަލް ނާޒިމް އިސްކޮށް ހުންނަވާ އެމްއެންޕީ، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާނެ ކަން މިހާތަނަށް އިއުލާނު ކުރައްވައިފައި ވަނީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްއާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.
އޮންލައިން ނޫސް "އަދަދު"އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީގެ ކުރީ ސަފުގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ އިތުރުން އެހެން މެމްބަރުންތަކެއް އެ ޕާޓީއާ އެކު މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފް މިއަދު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ ޖުމްލަ ނުވަ މެމްބަރުން މަޖިލީހުގައި ތިއްބެވިކަން ފާހަގަކުރައްވައިފައެވެ.
ހަ މެމްބަރުންނާ އެކު މަޖިލީހުގެ މައިނޯރިޓީ ޕީޕީއެމްއަށް ލިބިފައިވާ އިރު، އެކަން ދަމަހައްޓަން ޖެހިއްޖެ ހާލަތެއްގައި ޕީއެންސީގެ މެމްބަރުން ޕީޕީއެމަށް ބަދަލުވުން، ނުވަތަ މަޖިލީހުގައި ވެސް ރަސްމީކޮށް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.