ދުނިޔެ

ތުރުކީގެ ޖަންގައްޔެއްގައި ބޮޑު އަލިފާންގަނޑެއް ރޯވެ ފެތުރެނީ، މަރުވި މީހުންގެ އަދަދު 6 އަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ތުރުކީގެ ޖަންގަލީގައި ރޯވެފައިވާ އަލިފާން ގަނޑު

ތުރުކީގެ ދެކުނު ސަރަހައްދުގެ ޖަންގައްޔެއްގައި ރޯވި އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރި، ހިނގައި ދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް އަރައިފިކަމަށް އެގައުމުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

Ads by WAMCO

މިދިޔަ ބުދަ ދުވަހުން ފެށިގެން އަނދަމުންދާ މި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު މަރުވި މީހުންގެ ތެރެއިން ދެ މީހަކީ އަލިފާންގަނޑު ނިންވުމުގައި ހަރަކާތްތެރިވި ދެމީހުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާންގަނޑުގެ އަސަރު މިހާރު އަވަށްތަކަށް ކުރަމުންދާއިރު ބައެއް ގެތަކާއި ޓޫރިސްޓުންގެ މަންޒިލްތަކަށް ގެއްލުން ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ގިނަބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިހާދިސާގެ ސަބަބުން 400އަށް ވުރެ ގިނަ މީހުންނަށް ދުމުގެ އަސަރުކޮށްފައިވާއިރު 10 މީހުން އަދިވެސް ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. އަދި 150 މީހުންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު ފިހުމުގެ ސަބަބުން އެކަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

މިހާރު އެސަހައްދުގެ ފިިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްގައި ހުރިއިރު ކުރިއަށް އޮތް ހަފްތާގައި 47 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ހުންނާނެކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އެހެންކަމުން އަލިފާންގަނޑު އަދިވެސް ބޮޑަށް ފެތުރޭނެ ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.

ހޫނު މޫސުމުގައި ތުރުކީގެ ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ އާއްމުކަމެއް ނަމަވެސް މިފަހަރުގެ މި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރަން ދަތިވާ ވަރަށް ފެތުރިފައިކަމަށް ވެސް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!