ވޫހާން ސިޓީން އަނެއްކާ ވެސް ކޮވިޑް-19 ފެނި އެންމެން ޓެސްޓު ކުރަނީ
ޗައިނާގެ ވޫހާން ސިޓީން އަނެއްކާ ވެސް ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި މުޅި އެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޮވިޑް-19އަށް ޓެސްޓު ކުރަން އެ ސިޓީގެ އޮފިޝަލުން ނިންމައިފިއެވެ.
11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާން ސިޓީއަކީ އެންމެ ފުރަތަމަ ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރުނު ސިޓީއެވެ. އެހެން ނަމަވެސް ކަމާބެހޭ ފަރާތްތަކުގެ އަވަސް ފިޔަވަޅުތަކާ އެކު އެ ސިޓީގައި ކޮވިޑް-19 ކޮންޓްރޯލްވެފައި އޮތުމަށް ފަހު އަނެއްކާވެސް މިވަނީ އެސިޓީން ކޮވިޑްގެ ވޭދަނަތަކެއް ފެނިފައިކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލްވެފައި އޮންނަތާ މަސްތަކެއް ފަހުން މިދިޔަ 10 ދުވަސް ތެރޭގައި އެ ގައުމުން ވަނީ މިބަލީގެ 300 ވޭދަނަ ފެނިފައިކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި 15 ޕްރޮވިންސްއަކުން ބަލި ފެނިފައިވާތީ އެ ޕްރޮވިންސްތައް ލޮކްޑައުންކޮށް ފިޔަވަޅުތައް އަޅާނެކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ވޫހާން ޕްރޮވިންސްއިން މިއަދު އެކަނި ވެސް ކޮވިޑް-19ގެ 90 ވޭދަނަ ރިޕޯޓްކޮށްފައިވެއެވެ. ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލް ކުރި ގޮތާ މެދު ދުނިޔޭގެ ގައުމުތަކުގެ ތައުރީފު ލިބިފައިވާއިރު މިފަހަރު މި ފެނުނު ވޭދަނަތަކާ އެކު އޮފިޝަލުން ވަނީ ކަންބޮޑުވެފައެވެ. ސަބަބަކީ މި ފަހަރު ބަލި ފެނުނީ ނަންޖިންގްގެ ކާރޫބާރޫ ބޮޑު އެއާރޕޯޓެއްގައި މަސައްކަތް ކުރާ މަސައްކަތްތެރިންތަކެއްގެ ގައިންކަމުގައި ވާތީއެވެ. އެއާ އެކު ނަންޖިންގްގެ 9.2 މިލިއަން މީހުން ވަނީ ތިން ފަހަރެއްގެ މަތިން ކޮވިޑް-19އަށް ޓެސްޓްކޮށް އަދި ކަރަންޓީނު ކޮށްފައިކަމަށް އޮފިޝަލުން ބުނެއެވެ.