މިސަރުކާރުގެ އެންމެ ބޮޑު އުނިކަމަކީ އަދުލު އިންސާފު ޤާއިމް ކުރުމުގައި ތަފާތުކުރުން ގެންގުޅުން ކަމަށް ރައީސް ޔާމީންގެ 2018ވަނަ އަހަރުގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދަޢުވާތަކުގެ އަޑު އެހުންތަކަށް ރައީސް ޔާމީން ހާޒިރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ގެއްލުވައިލައިފައިވާ ނޫސްވެރިޔާ ރިޟްވާންގެ މައްސަަލައިގައި ވެސް ރައީސް ޔާމީން އިއްޔެ ވަނީ މަރު ކޮމިޝަނަށް ހާޒިރުކޮށްފައެވެ.
ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އޭނާގެ މައްޗަށް ކުރެވެނީ، ލިޔެކިއުމެއް ނެތުމާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރާ ހިއުމަން ޓްރެފިކިންގެ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަހަރު ޖެނުއަރީ މަހު ވަނީ ފޮނުވައިފައެވެ. މިމައްސަލައިގައި މިހާތަނަށް އަދި ވަކިގޮތެއް ޕީޖީ ނިންމައިފައެއް ނުވެއެވެ.
މި މައްސަލަތައް ފުލުހުން ބަލަން ފެށީ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނުކުމެ އެ ރަށުގައި ތިބި ބިދޭސީންތަކެއް ނުކުމެ ރަހީނުކޮށް ހަމަނުޖެހުން އުފެއްދުމާ ގުޅިގެންނެވެ. އެ މީހުން ވަނީ ފުލުހުންނާ ވެސް ކުރިމަތި ލައިފައެވެ.
ޑރ.ޝަހީމް ވިދާޅުވީ، ރައީސް ޞާލިޙަށް ސަނާ ކިޔާ ބޭފުޅުންގެ މައްސަލަތައް ނުބައްލަވާ ކަމަށާއި މިކަމުގެ ސބަބުން މީސްތަކުންގެ ހައްގު ގެއްލިފައިވާ ކަމަށެވެ.
"ބޭފުޅުން ތިއްބަވަނީ ސަނާ ކިޔައިގެން. މީސްތަކުން ހައްގު ވަނީ ގެއްލިފައި. އިންސާފު މި އޮންނަނީ ރައީސް ޔާމީނަށް އެކަނި. މިސަރުކާރުގެ އެންމެ ބޮޑު އުނިކަމަކީ އަދުލު އިންސާފުގެ ތަފާތުކުރުން." ޑރ.ޝަހީމް ވިދާޅުވިއެވެ.
ޢެތްގޮތަކަން ނުވެސް ނެތީ