ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަން ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން: ޚުތުބާ
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ، މި ފެށޭ ހަފްތާގައި ފެށޭ ހިޖުރީ އައު އަހަރުގެ މައްޗަށެވެ.
އެގޮތުން ހިޖުރީ އައު އަހަރު ފެށޭއިރު، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ ބެހޭގޮތުން ފުންކޮށް ވިސްނާލުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވެސް ޚުތުބާގައި ހަނދުމަކޮށްދެއްވާފައިވެއެވެ.
ބައެއް މީހުންނަށް ހީވެފައިވާ ގޮތުގައި "ހިޖުރަ"ކުރުމުގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިޔުމެވެ. ނަމަވެސް އެއީ އެއަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެއްކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
"ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަން ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ."
ކީރިތި ރަސޫލާ (ޞޢވ) އަރިހުން މީހަކު ދެންނެވިއެވެ.
"އޭ ﷲ ގެ ރަސޫލާއެވެ. އެންމެ މަތިވެރި ހިޖުރައަކީ ކޮބައިތޯއެވެ؟"
އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.
"އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތަކާ ތިބާ ދުރުހެލިވުމެވެ."
ރަސޫލާ (ޞޢވ) މަދީނާއަށް ކުރެއްވި ހިޖުރައިގައި އެތަކެއް އިބުރަތްތަކާއި ދަރުސްތަކެއްވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ޤުރްބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެގޮތުން ކީރިތި ރަސޫލާ (ޞޢވ) އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ މީހުންނާއި، ޢާއިލާގެ ބޭފުޅުން ދޫކުރައްވައި، މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރު ފެއްޓެވީ މިފަދަ ކަންކަން އިސްލާމްދީނުގެ ދިފާޢުގައި ޤުރްބާން ކުރައްވާފައިކަން ޚުތުބާގައި ހަނދުމަކޮށްދެއްވާފައިވެއެވެ.
މި ދަތުރުފުޅަށް މައްކާއިން ނުކުމެ ވަޑައިގަންނަވަމުން އެކަލޭގެފާނު ހަދީޘްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާން ކުރަން ޖެހޭކަން ވެސް ޚުތުބާގައި ފާހަގަ ކުރައްވާފައިވެއެވެ. އެބަސްފުޅުގެ މާނައަކީ:
"ﷲ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ ތިމަންކަލޭގެފާނުގެ ގާތުގައި އެންމެ ލޮބިވެތިކަން ބޮޑު ބިމެވެ. އަދި ހަމަ އެހެންމެ ﷲ ހެއްދެވި ރަށްތަކުން އެކަލާނގެ އެންމެ ރުއްސަވާ ވޮޑިގެންވާ ރަށް ވެސް މެއެވެ. ތިޔަ ރަށުގެ އަހުލުވެރިން ތިމަންކަލޭގެފާނު ތިޔަރަށުން ނެރެނުލެއްވި ނަމަ ތިޔަ ރަށުން ތިމަންކަލޭގެފާނު ނުކުމެވަޑައެއް ނުގެންނެވީމުހެވެ.
ޚުތުބާގައި ވަނީ، ހިޖުރައިން ލިބޭ އިތުރު ފިލާވަޅެއް ވެސް ކިޔައިދެއްވައިފައެވެ.
އެގޮތުން ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާ ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުމެވެ.
މީގެ އިތުރުން ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅެވެ.