ނައިބު ރައީސް ކަމުން ޑރ. ޖަމީލް ވަކި ކުރި މައްސަލައިގެ ހުކުމް ބުރާސްފަތި ދުވަހު!

ރައީސް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމްގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެ މަޤާމުން ވަކިކޮށްފައި ވަނީ ރަނގަޅަށްތޯ ބެލުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޙުކުމް މި އަންނަ ބްރާސްފަތި ދުވަހު ސްޕްރީމް ކޯޓުން އިއްވަން ހަމަޖައްސައިފިއެވެ.
2019 ވަނަ އަަަހަރު ޑރ.ޖަމީލް ހުށަހަޅުއްވައިފައިވާ މި މައްސަލަ ބައްލަވަމުން ގެންދަނީ ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. މައްސަލައިގެ ޙުކުމް އިއްވަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނުއެވެ. މި މައްސަލައިގެ އަޑު އެހުންތައް ނިންމައިލީ މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ޑރ. ޖަމީލް ނައިބު ރައީސްގެ މަޤާމުން ވަކިކޮށްފައި ވަނީ އޭރުގެ އިދިކޮޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. ނައިބު ރައީސް ކަމުން ވަކި ކުރެވުމުން ޖަމީލު ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވައިފައެވެ. އެހެން ނަމަވެސް ފަހުން އެމަނިކުފާނު ވަނީ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.