ހުޅުމާލޭ ބީޗް ސަރަހައްދު ތަރައްޤީ ކުރަން ރައްޔިތުންގެ ޚިޔާލު ހޯދައިފި
ހުޅުމާލޭ ގޮނޑު ދޮށަކީ އެންމެނަށް ވެސް ބޭނުން ކުރެވޭނެ ފަދަ ހިތް ފަސޭހަ ތަނަކަށް ހެދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީންއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ބީޗް ސަރަހައްދު ތަރައްޤީ ކުރަން އެ ކުންފުނިން އެކުލަވައިލައިފިވާ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިރޭ ކްލަބް ހައުސްގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ،
ހުޅުމާލޭގައި ދިރިއުޅޭ ގިނަ އާއްމު ރައްޔިތުންގެ ބައިވެރިވުމާ އެކު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި އެ ކުންފުނިން ވަނީ، ބީޗް ތައްޔާރު ކުރުމަށް ކުންފުނިން ރާވައިފައިވާ ގޮތް ހިއްސާކޮށް، އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދައިފައެވެ.
މި މަޝްވަރާ ފައްޓަވަމުން އެޗްޑީސީގެ ލީޑް އާރބަން ޑިޒައިނަރ ޝާހިދު އަޙްމަދު ވަޙީދު ވިދާޅުވީ، ހުޅުމާލެއަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކަށް ވުމާއެކު، މި ރަށުގައި ހެދިގެންދާ ބީޗް ވާން ޖެހޭނީ ހުރިހާ ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ ދަށުން ހެދޭ ފުރިހަމަ ބީޗްތަކަކަށް ކަމަށެވެ. އަދި އެޗްޑީސީއިން މި ޕްލޭންތައް ކުރި ކަމުގައިވީ ނަމަވެސް، މި ޕްލޭންތައް ފައިނަލް ވެގެންދާނީ ރައްޔިތުންގެ ޚިޔާލާއެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޕްލޭންތައް ހެދުމުގެ ކުރިން ބީޗް ބޭނުން ކުރައްވާ ފަރާތްތަކުގެ ސާރވޭއެއް އެ ކުންފުނިން ކުރި ކަމަށާއި ޕްލޭންތައް ހެދުމުގައި ސާރވޭގެ ނަތީޖާއަށް ވެސް ބަލައިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޕްލޭންގެ ދަށުން އަޅުގަނޑުމެން މި ޑިވެލޮޕް ކުރަނީ ހަތަރު ކިލޯ މީޓަރުގެ ބީޗް ސަރަހައްދެއް. އެއީ ހުޅުމާލޭ ފޭސް އެކަކާއި ދެއަކާ ވެސް އެކީގައި." ޝާޑް ވިދާޅުވިއެވެ.
ޝާޑް ވިދާޅުވީ ބީޗް ތަރައްޤީކޮށް ނިމޭއިރު ބީޗް ވެގެންދާނީ ގިނަ ބަޔަކަށް ބޭނުން ކުރެވޭ ގޮތަށް ހެދިގެންދާނެ ބީޗަކަށް ކަމަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ބީޗް ބޭނުން ކުރުމުގައި ފަސޭހަތަކެއް ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށެވެ.
"މީގެ ތެރެއިން އަޅުގަނޑުމެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބީޗް ބޭނުން ކުރެވޭނެ އިންތިޒާމެއް މިވަނީ ޤާއިމްކޮށްފައި. އޭގެ ތެރެއިން ވީލްޗެއަރގައި އުޅުއްވާ ބޭފުޅުން މޫދަށް އެރޭނެ ރޭންޕްތަކެއް ބަހައްޓަންވަނީ ޕްލޭން ކުރެވިފައި." ޝާޑް ވިދާޅުވިއެވެ.
ޝާޑްގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާރު ވެސް ބައެއް ބޭފުޅުންގެ ޚިޔާލުތައް ބަލައިގަނެ ބައެއް ބަދަލުތައް ގެނައުމަށް ނިންމައިފައިވާ ކަމަށާއި މިގޮތުން ބީޗް ވަށައިގެން ހެދުމަށް ހަމަޖެހިފައިވާ ހިނގާފައި އުޅޭ މީހުންނަށް ޚާއްސަ ޕާތުވޭ ހަދާނެ ގޮތް މުތާލިއާ ކުރަން ނިންމައިފައިވާ ކަމަށެވެ.
ބީޗް ބޭނުން ކުރާ ފަރާތްތަކަށް ޖެޓް ސްކީ ދުއްވާ ފަރާތްތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބައެއް ބޭފުޅުންގެ ޝަކުވާ އަންނަމުންދާތީ، ހަމައެކަނި މޫދަށް އެރުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޝާޑް ވިދާޅުވިއެވެ.
"ބީޗް ސަރަހައްދާ މާ ކައިރި ސަރަހައްދުތަކުގައި ޖެޓް ސްކީ ފަދަ ތަކެތި ކޮންމެވެސް ވަރަކަށް ދުއްވަމުންދާތީ، ރައްޔިތުންގެ ރައްކަލަށް ބަލާ ވަކި ސަރަހައްދުތަކަކަށް ޖެޓް ސްކީ އަރުވާ ބާލާ، އަދި ކައިރި ކުރާ ގޮތް ހަދަން އަޅުގަނޑުމެންގެ ވިސްނުން އެބަ ގެންގުޅެން. ބީޗްއިން ފެށިގެން 30-40 މީޓަރު ހަމައެކަނި މޫދަށް އެރޭ މީހުންނަށް ޚާއްސަކޮށް އޭގެ ބޭރުން ޖެޓް ސްކީ ދުއްވަން ބޭނުން ކުރަން." ޝާޑް ވިދާޅުވީ، މި ގޮތަށް ވަކި ސަރަހައްދެއް ކަނޑައެޅިޔަސް، ވޯޓަރ ސްޕޯޓްސް ތަރައްޤީ ކުރުމުގެ ޕްލޭނަށް ވެސް އެބަހުރި ކަމަށާއި އޮޕަރޭޓަރުންނަށް ފަސޭހަވާނޭ ފަދަ ގޮތަކަށް، އިތުރަށް އަންނަ ޑިމާންޑަށް ކޭޓަރކުރަން، އިތުރު އޮޕަރޭޓަރުންނަށް ފުރުސަތު ދޭން ނިންމައިފައިވާ ކަމަށެވެ.
ހުޅުމާލޭ ބީޗް ސަރަހައްދު ތަރައްޤީކޮށް ނިމޭއިރު އެ ސަރަހައްދުގައި އެންޖީއޯ އަދި އެސޯސިއޭޝަންތަކަށް ބުކް ކުރެވޭނެ ގޮތަކަށް ކޮމިއުނިޓީ ހަޓްސްތައް ހެދުމަށް ވަނީ ނިންމައިފައެވެ. އަދި ޕަބްލިކް ޓޮއިލެޓް އަދި އައުޑް ޑޯ ޝަވަރ ފަދަ މޫދަށް އެރޭ ފަރާތްތަކަށް ޚާއްސަ ތަންތަން ވެސް ހެދުމަށް ނިންމައިފައި ވެއެވެ. އަދި ކެފޭ ރެސްޓޯރެންޓްތަކުން ޓޭކް އަވޭ ނަންގަވައިގެން ބީޗްގައި ތިބެ ކެވޭ އިންތިޒާމު ހަމަޖެއްސުމަށް ބީޗްގައި އިށިންނާނެ ބެންޗްތަކެއް ވެސް ހަދާނެ ކަމަށް ޝާޑްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.