އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް މަޖިލީހަށް

އިލެކްޝަން ކޮމިޝަނުންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ޝަރީފު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލި ފުރުސަތުގައި، އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފިއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލައިފައިވާ 5 ބޭފުޅެއްގެ ނަން ފޮނުއްވައިފައެވެ. އެ ގޮތުން މެމްބަރުންގެ ރުހުން ހޯދުމަށް މިއަދު މަޖިލީހަށް ފޮނުއްވައިފައިވަނީ މުހައްމަދު އާސިފް، ޝަހްދާ އިސްމާއީލް، އަޒްލީނާ އަހްމަދު، އަހްމަދު މަންސޫރު އަދި ހަނީފާ ހާލިދުގެ ނަމެވެ.
މިބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހެޅުއްވުމުން އެ މައްސަލަ ދިރާސާކުރުމަށް ފޮނުވައިފައި ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. އީސީގެ މެންބަރުކަމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް މަޖިލީހުން ރުހުން ދޭނީ އެއް ނަމަކަށެވެ.
އިލެކްޝަންސް ކޮމިޝަނުން މެންބަރަކު އިސްތިޢުފާ ހުށަހަޅުއްވާފައި ވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަން ކުރެއްވުމަށް ޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވައިލައިފައި ވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ޝަރީފް، އެކޮމިޝަނުގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފައި ވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.