ވިޔަފާރި

ސްޓެލްކޯވެފައި މި ވަނީ ކަރަންޓުގެ ސިނާއަތަށް އަންހެނުން ވެސް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް: މުޣުނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނެރޭ އަދި އިތުރު ކަނބަލުން މި ސިނާއަތަށް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއްކަމަށް މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

Ads by STELCO

މުޣުނީ މިހެން ވިދާޅުވީ، ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވި ނަމަވެސް، ކޮވިޑާ ގުޅިގެން ކުރިމަތިވި ހުރަސްތަކާ އެކު އެ ކޯސް ފުރިހަމަ ކުރެވިފައި ވަނީ މީގެ ތެރެއިން 10 ބައިވެރިއެއްކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ދަސްވެނިވެފައި ވަނީ 8 ބައިވެރިއެއް ކަމަށް ވެސް ބުނެފައިވެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށް މަރުހަބާ ދަންނަވާ ކަމަށާއި، އަންހެނުންނަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގި އެ ކޯހުގެ ބައިވެރިންނަކީ ތާރީހުގައި ލިޔެވިގެންދާނެ ބައެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީހީ ގޮތުން ބަލާ ނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް. އެހެން ނަމަވެސް މިއަދުގެ މެނޭޖްމަންޓާ އެކު، މި ކުންފުނި ވެފައި މިވަނީ މި ސިނާއަތަށް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް" މުޣުނީ ވިދާޅުވި އެވެ.

މިއަދު ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަކީ ހަމަ އެކަނި ސްޓެލްކޯގެ މުވައްޒަފުންނަށް ނުވުމަކީ ވެސް މި ސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިދެއްވި ފުރުސަތެއްކަން ފާހަފަ ކުރައްވައި ދެ ޖިންސްގެ ޒުވާނުންނަށް ވެސް ސްޓެލްކޯއަކީ ހުޅުވައިލެވިފައިވާ މުއައްސަސާއެއްކަމަށް މުޣްނީ ވިދާޅުވިއެވެ.

މީގެ އިތުރުން މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓެފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދި އެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ތަނަވަސްވެފައިވާ ބައެއްކަން މުޣުނީ ވަނީ ފާހަގަ ކުރައްވައިފައެވެ.

"ސަރުކާރުން މީހުން ބިނާކޮށް އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަތީ ތައުލީމު ފޯރުކޮށްދިނުމާއި، ހާއްސަކޮށް، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށްލަން. އަޅުގަނޑުގެ އުމްމީދަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފުރުސަތުތަކާއެކު، މިކޯހުގެ އިތުރު ބުރެއް މިކުންފުނީގެ ފެށިގެން ދިއުން" މުޢުނީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެކޯސް ފުރިހަމަ ކުރި ފަރާތްތަކަށް އަމިއްލަ ނަމުގައްޔާ މަޖިލީހުގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، އެހެން ނަމަވެސް، މިއަދު މިކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަގުބަލުގައި މި ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށް ވިދާޅުވިއެވެ.

"މިއީ ދެވަނަ ފަހަރު އަޅުގަނޑަށް ސްޓެލްކޯގެ މިފަދަ ހަފްލާއަކަށް ދައުވަތު ލިބުނު. މި ބިލްޑިންގއަށް އަޅުގަނޑަށް ވަދެފައި ނިކުމެވެނީ ފަހުރުވެރިކަމާ އެކު، އެއީ ކޮންމެ ފަހަރަކު ވެސް އަޅުގަނޑަށް ބައިވެރިވެވެނީ ސްޓެލްކޯއިން އަންހެނުން ބާރުވެރިކުރުމަށް ކުރާ ކޮންމެ ވެސް މަސައްކަތެއްގައި" ޖީހާން ވިދާޅުވިއެވެ.

ކޯސް ނިންމި ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރިޔަމް ލަޔާލް ވިދާޅުވީ، މި ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެ ކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށާއި، އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!