ރައީސް ނަޝީދަށް ރާއްޖޭގެ މާހައުލު އޮތީ އަމާންކޮށް ކަމަށް ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ ވިޔާނުދާ ވާހަކައެއް: ވަކީލުން
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމަށް، ރާއްޖޭގެ މާހައުލު އޮތީ އަމާންކޮށް ކަމަށް ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ފަރާތުން މިހެން ވިދާޅުވެފައި މިވަނީ، އެމަނިކުފާނަށް ރާއްޖެ ވަޑައިނުގަނެވޭނެ ސަބަބެއް މިހާރަކު ނެތްކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމާ ގުޅިގެން، އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރުއްވި ބަޔާނެއްގައެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި މަޝްހޫރު ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ހިމެނިވަޑައިގަންނަވާ "ދަ ލިޓިޖަންޓްސް"ގެ ފަރާތުން މިއަދު ނެރުއްވި އެ ބަޔާނުގައި ވަކީލުން ވިދާޅުވީ، ޓެރަރިސްޓު ހަމަލާއަށް ފަހު ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކާ އެކު، ރައީސް ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް މެންބަރު އިކްރާމް ވިދާޅުވިއިރު، އެމަނިކުފާނުގެ ހަށިކޮޅަށް ބޮމުގެ ހަމަލާދިން އެތިފަހަރު، ރާވައި ފަންޑު ކުރި ފަރާތްތައް އަދި ހިފިފައި ނުވާކަމުގައި ފުލުހުން އިއުތިރާފު ވެފައިވާ ކަމަށެވެ.
"ނަޝީދު ރާއްޖެ ވަޑައިގަތުމުގެ މާހައުލު އޮތީ އަމާންކޮށް ކަމުގައި ދޭހަވާ ގޮތަށް އިކްރާމް ވާހަކަ ދެއްކެވުމަކީ ނަޝީދުގެ ފުރާނަފުޅަށް މިހާރުވެސް އޮތް ނުރައްކާގެ ސީރިއަސްކަމަށް އެއްވެސް ފަރުވާލެއް ނެތި ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކައެކެވެ. އަދި މެންބަރަކު ދާއިރާގެ ރައްޔިތުންގެ ތާއީދުނެތް، ވިޔާނުދާ ވާހަކައެކެވެ." ރައީސް ނަޝީދުގެ ވަކީލުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ކުރިމަތި ކުރުވި ހަމަލާއިން އެމަނިކުފާނުގެ ހިމަގޮހޮރަށް ދާންދެން ފޫއަޅުވައިލައިފައި ވަނިކޮށް، ހުވަފެން ދައްކައިގެން ރައީސް ނަޝީދު ރާއްޖެ ގެނެވޭތޯ ގަދައެޅުމަކީ އެމަނިކުފާނުގެ ހައްޓާއި ލެޔަށް ނުރައްކާވާ ގޮތަށް، އެ ނުރައްކަލަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
ދިވެހި ސިފައިންނަށް ރައްކާތެރިކަން ނުދެވޭނެކަމަށް ބުނުމަކީ އަދި މާ ޒިންމާދާރުކަން ކުޑަ މުޅި ދައުލަތް ކުޑައިމިސް ކުރުމުގެ އަމަލެއް. ނަސީދަށް ދުވަހަކު ނާދެވުނަސް މިތަނަކަށް ބޭރުގެ ސިފައިންނެއް ނުގެނެވޭނެ އޭނަ ބަލަހައްޓާކަށް
މަލަކުމައުތު އައީމާދެންރައްކާތެރިވާނީކާކު