"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި އެފްކޮންސް އިންފްރާސްޓްރަކްޗަރާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓްރީ ޒީނިޔާ ހަމީދެވެ. އަދި އެފްކޮންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރެވެ.
މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވިއެވެ.
"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" މަޝްރޫގެ ދަށުން މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ބްރިޖަކުން ގުޅުވައިލާނެއެވެ. ބްރިޖްގެ މަސަައްކަތް ކުރިއަށް ގެންދާނީ ނިމޭ ވަރަކުން ނިމޭ އެކި ބައިތައް ހުޅުވާ ގޮތަށެވެ. ސަބަބަކީ ބްރިޖްގެ މަސައްކަތް 2023 ވަނަ އަހަރާ ހަމައަށް އެއްކޮށް ނުނިމޭނެކަން ޔަގީންވެފައިވާތީ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. އެހެންނަމަވެސް މަސައްކަތް ފަށާތާ ދެ އަހަރު ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެެވެ.
އިންޑިއާ ހިލޭ އެހީ އަދި ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދާ 6.7 ކިލޯ މީޓަރު ދިގު މި ބްރިޖް ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.
މި ބްރިޖު އަޅަނީ އިންޑިއާގެ މާލީ އެހީގަ އެވެ. އެހެންވެ މަޝްރޫއުއަށް ކުރިމަތިލެވެނީ ވެސް އިންޑިއާގެ ކުންފުނިތަކަށް އެކަންޏެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ޕްރީކޮލިފައިވާ ކުންފުނިތަކަށް ހުޅުވައިލި އެ މަޝްރޫއު ކާމިޔާބުކުރީ އެފްކޮންއިންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.