ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެޕާޓީގެ ޗެއަރ ޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ދެ ރައީސުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއްގޮތް ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އެ ގޮތުން އެކަމާ ގުޅޭ ގޮތުން ދެރައީސުންނާ ވާހަކަ ދައްކަވައިފައިވާ ކަމަށެވެ. އަދި މި މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިހާ ދެމެެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގައި ދެބޭފުޅުން ދެމެދުގައި ވާހަކަ ނުދެއްކޭނެ ވަރުގެ އަދި އެއްބަސްނުވެވޭނެ ވަރުގެ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުންނާނެކަމަށް އެމްޑީޕީގެ އެއްވެސް ބޭފުޅަކު ގަބޫލު ނުކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދި ރައީސް ޞާލިހާއެކު ސިޔާސީ ގުޅުން ބޭއްވެން ނެތް ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.