ދީން

ނޫސްވެރިން އަދާ ކުރަމުން އެދަނީ، ވަރަށް ބޮޑު ދީނީ އަދި ޤައުމީ ވާޖިބެކެވެ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ ޚަބަރު ފެތުރުމުގެ ޝަރުޢީ ހަމަތަކުގެ މައްޗަށެވެ.

Ads by Sosun Fihaara

މުޖުތަމަޢުގެ ކޮންމެ ފަރުދަކު ވެސް މުޖުތަމަޢުގެ މަސްލަޙަތާއި އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭނެކަން ޚުތުބާގައި ފާހަގަ ކުރައްވާފައިވެއެވެ.

އަދުގެ ދުނިޔެ ވަނީ ހުޅުވާލެވިފައެވެ، ކިތަންމެ ދުރުގައި ހިނގައި ކަމެއް ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންނާއި ހަމައަށް އެބައާދެއެވެ. މީސް މީޑިއާއާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށެވެ.

"ދުނިޔެ މިގޮތަށް ބަދަލުވެފައިވާތީ، ދޮގު ޚަބަރުތަކާއި ދޮގު ވާހަކަތައް، ފެތުރުމުގެ ނުރައްކާތެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑު ވެފައެވެ. ކީރިތި ޤުރްއާނުގައި، ދޮގު ޚަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި، މިފަދަ ވާހަކަތައް ޤަބޫލުކުރުމުގެ ސަބަބުން އިންސާނާއަށް ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ބަޔާންކުރައްވާފައިވެއެވެ. އެއީ އެކަމުން އިބުރަތް ހާސިލުކުރުމަށެވެ." ޚުތުބާގައި ހަނދުމަކޮށްދެއްވައިފައިވެއެވެ.

ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާ ކުރަންޖެހޭ ޒިންމާ މިއަދު ވަނީ ބޮޑު ވެފައިކަން ވެސް ޚުތުބާގައި ފާހަގަ ކުރައްވައިފައިވެއެވެ.

ނޫސްވެރިންނާއި ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން އަދާ ކުރަމުން އެދަނީ، ވަރަށް ބޮޑު ދީނީ އަދި ޤައުމީ ވާޖިބެކެވެ. އެބައިމީހުން އެ އުފުލަނީ، އެއްވެސް އޮޅުވައިލުމެއް ނެތި، ކަމުގެ ޙަޤީޤަތާ އެއްގޮތަށް، މީސްތަކުންނަށް ސައްޙަ ޚަބަރާއި ތެދު މައުލޫމާތު ފޯރުކޮށްދީ، މަގު ދެއްކުމުގެ ޒިންމާއެވެ.

ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަ ދެއްކުމުގެ ނުބައިކަމާއި، އެކަންކަމުގެ ސަބަބުން އުފެދޭ ފިތުނައިގެ ބޮޑުކަމުން މާތް ﷲ ވަނީ އެކަންކަން މަނާ ކުރައްވައިފައެވެ. އަދި ހަމަ ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން ވެސް އެކަލާނގެ ވަނީ ނަޙީ ކުރައްވާފައެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

ތިބާއަށް އެކަމާމެދު އެނގުމެއް ނުވާ ކަމަކަށް ތިމާ ތަބާ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައިވިއެވެ.

ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

މީހަކަށް އިވޭ ކޮންމެ ވާހަކައެއް ދެއްކުން ފާފައެއް ކަމުގައިވުމަށް ފުދެއެވެ.

އިންސާނާ ދައްކައި ވާހަކައާއި، އެހެން މީހުންނަށް ފޯރުކޮށްދޭ މައުލޫމާތު ބިނާ ކުރަން ޖެހޭނީ ޝަރުޢީ ހަމަތަކުގެ މައްޗަށެވެ. އެހެންމީހުންނަށް ފޯރުކޮށްދޭ ޚަބަރާއި މައުލޫމާތު ވާން ޖެހޭނީ ތެދު ޙަޤީޤަތަށެވެ. އޭގައި އޮޅުވައިލުމެއް ދޮގު ވާހަކައެއް ހިމެނިގެން ނުވާނެއެވެ.

ވަގު އެކައުންޓު ހަދައި، މީސްތަކުންނަށް ތިމާއަކީ ކާކުކަން ނޭނގޭ ގޮތަށް އޮޅުވައިލައިގެން މީސްތަކުންގެ އަބުރު ގެއްލޭފަދަ ވާހަކަތައް އާންމު ކުރާ މީހުން މީސްތަކުންނަށް އޮޅުވައިލި ކަމުގައި ވިޔަސް، މާތް ﷲ އެކަންކަން މޮޅަށް ދެނެވޮޑިގެންވާކަން ދަނެ، އެކަލާނގެއަށް ބިރުވެރިވާން ޖެހޭނެއެވެ. އަދި ތެދެއް ދޮގެއް ބެލުމެއް ނެތި، މީޑިއާ އިން ފެންނަހާ އެއްޗަކަށް ލައިކްކޮށް، ޝެއާ ކުރުމާއި ރީޓްވީޓް ކުރުމަކީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެކެވެ. ފޯރުކޮށްދޭ ކަމެއްގެ ސަބަބުން އެއްވެސް މީހެއްގެ އަބުރާއި، ކަރާމާތަށް ގެއްލުމެއް ލިބިގެން ނުވާނެއެވެ.

މުޖުތަމައުގެ ތެރޭގައި ހިނގާ ތެރޭގައި ތަފާތު ކަންކަމުގެ މައުލޫމާތާއި، ޚަބަރުތައް އެހެން މީހުންނަށް އަންގައިދީ، ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ނޫސްވެރިންނާއި ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން އަދާ ކުރަމުން އެދަނީ މުޖުތަމައާއި ފަރުދުން އިސްލާޙު ކުރުމުގެ ޒިންމާއެވެ. މުޖުތަމައު ފަސާދަ ކުރުމެއް ނޫނެވެ. އެހެންކަމުން މިކަންކަން ކުރަން ޖެހޭނީ ވަރަށް ޒިންމާދާރުކާމާ އެކު، ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!