ދީން

މަސައްކަތަކީ އެއާ ދުރަށް ގޮސްގެން ފުދުންތެރިކަން ހާސިލުކުރެވެން ނެތް ޒަރޫރަތެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲ އަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ އިސްލާމްދީނުގައި މަސައްކަތުގެ މަޤާމުގެ މައްޗަށެވެ.

އެގޮތުން އިސްލާމްދީނަކީ ޢަމަލާއި މަސައްކަތުގެ ދީން ކަމަށް ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ. އިސްލާމްދީނަކީ އުފެއްދުންތެރިކަމަށް ގޮވާލައި، އެކަމަށް ހިތްވަރުދޭ ދީނެވެ. މުއުމިނު އަޅާއަކީ، މާތް ﷲ އަމުރު ކުރެއްވި ފަދައިން ދުނިޔެއާއި އާޚިރަތް އާރާސްތު ކުރުމަށް ތެދުވެ، ގަދައަޅައި މަސައްކަތް ކުރާ މީހާއެވެ. އޭނާއަކީ މާތް ﷲ އޭނާއާ ހަވާލު ކުރެއްވި ބިމުގެ ޚަލީފާކަން އަދާކުރުމަށް ޓަކައި، އޭނާގެ ޚިދުމަތުގައި އެކަލާނގެ ލެއްވި ޚައިރާތުތައް ހޯދައި، އެ އެއްޗެހިން ހެޔޮގޮތުގައި ލާބައާއި މަންފާ ލިބިގަންނަ މީހާއެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑުލެއްވި ރަސްކަލާނގެއެވެ. ފަހެ އެތާނގެ ކަންކޮޅުތަކުގައި، ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒްޤުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.

އަޅުގަނޑުމެން މި ދިރިއުޅޭ ބިން މާތް ﷲ މި ވަނީ އިންސާނާއަށް ޓަކައި ކިޔަމަން ކުރައްވައިފައެވެ. އޭގެ މަތީގައި އަމާންކަމާއި އަރާމާއި ހިތްހަމަޖެހުމާ އެކު އިންސާނާ ދިރިއުޅުމަށް ޓަކައެވެ.

މާތް ﷲ އެ ބިމުގައި ވަނީ ޙަޔާތަށް ބޭނުންވާ ހުރިހާ ސަބަބުތަކެއް ތަނަވަސްކޮށްދެއްވައިފައެވެ. މީސްތަކުން އެ ބިމުގެ ފަސްގަނޑުތެރޭގައި އޮށްތައް އިންދުމުން ދަހިވެއްޗެއް ނުވެއެވެ. އޭގެ މަތީގައި އިމާރާތްތަކާއި، ކާރުޚާނާތަކާއި، ފިހާރަތައް ބިނާ ކުރުމުން ހަށިފޮޅާލައި، އެތަންތަން ވައްޓައެއް ނުލައެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ ކަންޒުތަކާއި، ބާރުތަކާއި، ހަކަތަތަކާއި، މުއްސަނދިކަން އޭގެ ބަނޑުތެރޭގައި ރައްކައުކޮށްދެއްވާފައިވެއެވެ. ބިމުގައި ލައްވާފައިވާ ރިޒްޤަކީ ޤިޔާމަތާ ޖެހެންދެން އެންމެން ދިރިއުޅުމަށް ފުދިގެންވާ ތަނަވަސްކަމެކެވެ.

ބާއްޖެވެރި ޙަޔާތެއް ހޭދަކުރުމަށާއި، ތަރައްޤީގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ހުރިހާ އެއްޗެއް، އެ ބިމުގައި ވަނީ ލައްވައިފައެވެ. އިންސާނާގެ މައްޗަށް އޮތީ މި ތަކެތިން ފައިދާ ލިބިގަތުމަށް ޓަކައި، އޭގެ ކަންކޮޅުތަކުގައި ހިނގައި، މަސައްކަތް ކުރުމެވެ. އެ ބިމުގެ ފަރުބަދަތަކާއި، ތިރިބިންތަކުގެ މަތީގައްޔާއި، ކަނޑާއި، އެއްގަމާއި، ޖައްވުގައި މިންވަރު ކުރައްވާފައިވާ ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމެވެ.

މަސައްކަތަކީ އެއާ ދުރަށް ގޮސްގެން ފުދުންތެރިކަން ހާސިލުކުރެވެން ނެތް ޒަރޫރަތެކެވެ. މަސައްކަތް ނެތިއްޖެ ނަމަ ދުނިޔޭގެ ޙަޔާތް ހުއްޓިދާނެއެވެ. މި ބިމަށް ގެއްލުމާއި ހަލާކު އަތުވެދާނެއެވެ.

މަސްވެރިކަން ކުރުމާއި ދަނޑުގޮވާން ކުރުން ހުއްޓައިލެވިއްޖެ ނަމަ ކާބޯތަކެތި ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟ ވިޔަފާރިއާއި މަސައްކަތްތެރިކަމުގެ އުފެއްދުންތައް ހުއްޓައިލެވިއްޖެ ނަމަ، ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟ މަސައްކަތްތެރިކަމުގެ އެންމެ ބާވަތެއް ހުއްޓައިލެވުނަސް މަސްލަހަތު ބުރޫ އަރައި، ޙަޔާތް ނުތަނަވަސް ވެދާނެއެވެ. ބަލިމަޑުކަން ފެތުރި އާއްމު ވެދާނެއެވެ.

އިންސާނުންނަށް ދެމިތިބުމުގެ ހުރިހާ ސަބަބުތަކެއް މާތް ﷲ ވަނީ އެކަލާނގެ ދަރުމަވަންތަކަމުން މި ބިމުގައި ލައްވައިފައެވެ. ކޮންމެ މީހަކަށް ވެސް މަސައްކަތް ކުރުމަށް ގޮވައިލައްވައި، އެކަން ލޮބުވެތިކަމެއް ކަމުގައި ލެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!