ވިޔަފާރި

އެސްޓީއޯއަށް ބިލިއަން ރުފިޔާގެ ޓްރޭޑް ފެސިލިޓީއެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު(ވ) އަދި އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސަލެމް(ކ).. ފޮޓޯ/އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއަށް 75 މިލިއަން އެމެރިކާ ޑޮލަރު (1.1 ބިލިޔަން ދިވެހި ރުފިޔާ)ގެ ޓްރޭޑް ފެސިލިޓީއެއް ހަމަޖައްސައި ދިނުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނުން އެއްބަސްވެއްޖެއެވެ.

Ads by MWSC

މި އެއްބަސްވުމުގެ ދަށުން ފައިސާ ދޭން އެއްބަސްވި އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ. އިސްލާމިކް ފައިނޭންސިންގެ މި ފެސިލިޓީއަކީ މުރާބަހާ ފެސިލިޓީއެކެވެ. އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަނަކީ އެސްޓީއޯއަށް ޓްރޭޑް ފެސިލިޓީ ހަމަޖައްސައިދެމުންދާތާ އަހަރުތަކެއް ވެފައިވާ ކުންފުންޏަކަށްވާއިރު މިހާރުގެ މެނޭޖްމަންޓާ އެކު ގުޅުން ވަނީ ވަރުގަދަވެފައެވެ.

އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދުއެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލެމްއެވެ.

އެސްޓީއޯއަށް ދޫކުރި ފެސިލިޓީއާ ގުޅިގެން އައިޓީއެފްސީން ބުނި ގޮތުގައި، މި ފައިސާއަކީ ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.

އެސްޓީއޯއިން ވަނީ 2019 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކޮށް ކުންފުނީގެ ފައިދާ އިތުރުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!