ލައިފްސްޓައިލް

ތިގެންގުޅޭ ލޯބިވެެރިޔާގެ ސަބަބުން ކިޔެވުމަށް ބުރޫއަރާތަ؟

ދެން އެމްވީ ، ދެން އޮންލައިން

ޝައްކެއްވެސް ނެތެވެ. ޒަމާން މިވަނީ ބަދަލުވެފައެވެ. މައިންބަފައިން ނުވަތަ އާއިލާއިން އަހަރެމެންނަށް ހަޔާތުގެ ބައިވެރިއެއް ހޯދައިދިން ޒަމާން މިވަނީ މާޒީއާއެކު ވެގެން ގޮސްފައެވެ. މިޒަމާނުގައި ކުއްޖާގެ އުމުރުން 14 އަހަރު ނުވަނީސް ލޯބިވެރިއެއް ހުންނާނެއެވެ. ކިޔަވައި ނުނިމެނީސް ހޯދާނީ ކިތައް ކުދިންކަމާއި ކުދިންނަށް ކިޔާނެ ނަންތައް ވެސް ވިސްނާނެއެވެ. "ބިޓެއް" ނުހުންނަ މީހަކު ނަމަ، އެމީހަކަށް މަލާމާތްކޮށް ބުލީ ވެސް ކުރާނެއެވެ. މިޒަމާނުގައި ގިނަ ކުދިން ދެކޭ ގޮތުގައި ބިޓުން ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

Ads by STELCO

ކަން މިހެން އޮތް އިރު، މިހާ ހިސާބުން އުފެދޭ ސުވާލަކީ ޅައުމުރުގައި ނުވަތަ ސުކޫލަށްދާ އުމުރުގައި ބިޓުން ނެގުމަކީ ރަނގަޅު ކަމެއް ބާވައެވެ. ކޮންމެ ކުއްޖަކުވެސް ތައުލީމް ހާސިލު ކުރާ ދުވަސްވަރަކީ، ބާއްޖަވެރި ކުރިމަގެއް ބިނާ ކުރުމަށް ވަރަށް މުހިންމު ދުވަސްވަރެކެވެ. ނަމަވެސް އެދުވަސްވަރު ބިޓުން ނަގައިން އެކަމަށް ހުރިހާ ސަމާލުކަމެއް ދީގެން އުޅުމުން ކިޔެވުމަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ތައުލީމު އުނގެނޭ ދުވަސްވަރު ބިޓުން ނަގައިގެން އުޅުމަކީ މީހާގެ މުޅި ހަޔާތަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ.

ކިޔަވާ ދުވަސްވަރު ބިޓުން ނަގައިގެން އުޅޭ ކުދިން ގިނައިން ވިސްނާނީ ހަމައެކަނި އެކަމަށެވެ. އަބަދުވެސް އިންނާނީ ގެންގުޅޭ ބިޓާ ދޭތެރޭ ވިސްނާށެވެ. ބައެއް މީހުން ބިޓުން ނަގައިގެން ދެމީހުން ދޭތެރޭ މައްސަލަ ޖެހިގެން އެކަމާ ހިތްދަތިވެގެން އަބަދު އެކަމާ ވިސްނައި، ބޯ ގޮއްވަން ހަދައިގެން ކިޔެވުމަށް ސަމާލުކަމެއް ނުދެވި ސުކޫލު ނިމިގެން ދަނީ ޔޫ ސެޓެއް ހިފައިގެންނެވެ. ބިޓާ މައްސަލަ ޖެހިގެން އެކަމާ ހިތާމަ ކުރަން ހަދައިގެން ގިނައިން ޓެސްޓްތަކަށް ވެސް ދަސް ނުކުރެވެއެވެ.

ގެއްލިއްްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން އެންމެންނަށް ވެސް އެނގޭނެއެވެ. އެހެންކަމުން ހަޔާތުގައި ރަނގަޅު ތައުލީމު އޭގެ އެންމެ އެކަށީގެންވާ ވަގުތުގައި ލިބިގަތުމަކީ ވަރަށް މުހިންމުކަމެކެވެ. ވީމާ ކިޔަވާ ދުވަސްވަރު ބިޓުން ނަގައިގެން އެކަމުގައި އުޅުމަަށްވުރެ ރަނގަޅަށް ކިޔަވައިގެން މޮޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުން މާ ބުއްދިވެރިއެވެ. ތިގެންގުޅޭ ބިޓު މާދަން ވެސް ދޫކޮށްލާފަ ގޮސްދާނެއެވެ. ނަމަވެސް ލިބޭ ތައުލީމު އަބަދުވެސް ބޭނުންތެރިވާނެއެވެ.

ކިޔެވުމަކީ މައިންބަފައިންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ޚަރަދުކޮށްގެން ހޭދަކުރާ އަގުހުރި ވަގުތުތަކެކެވެ. އެހެން ކަމުން އެ ވަގުތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް މުހިންމުކަން ދޭށެވެ. ހަގީގަތަށް ބަލާނަމަ ހަޔާތުގެ ބައިވެރިއަކު ކޮންމެ ވަގުތެއްގައިވެސް ލިބޭނެއެވެ. ކާމިޔާބީއަށް ވާސިލްވެވޭނީ ތިމާ ތިމާއަށް ބެލިވަރަކުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!