ލައިފްސްޓައިލް

ތިޔަ އުޅެނީ ބަފައިބެގެ ރުހުން ނުލިބިގެންތަ؟ އަވަހަށް މިކަންކަން ކޮށްލާ!

ޢާލިމް އަބްދުއްލަތީފް

މީހަކާ އިނުމުގެ ކުރިން ކޮންމެ މީހަކުވެސް ލޯބިވެރިޔާގެ އާއިލާ ރުއްސަން ބޭނުންވާނެ ކަން ގައިމެވެ. ލޯބިވެރިޔާގެ އާއިލާއިން ތިބާއާ ދޭތެރޭ ރަނގަޅަށް ދެކެން ބޭނުން ވާނެއެވެ. ތިބާއަކީ ރަނގަޅު އަޚްލާގެއްގެ ވެރިއެއްކަން އަންގަން ބޭނުން ވާނެއެެވެ. އަދި ތިބާއާ މެދު އެމީހުންގެ ހިތުގައި ލޯބި އުފައްދަން ބޭނުން ވާނެ ކަން ގައިމެވެ.

އެގޮތުން ރުއްސަން އެންމެ މުހިއްމު ދެމީހުންނަކީ ލޯބިވެރިޔާގެ މަންމަ އާއި ބައްޕައެވެ. އަދި ހާއްސަކޮށް ފިރިހެނުންނަށް އެމީހުންގެ ލޯބިވެރިޔާގެ ބައްޕަގެ ރުހުން ވަރަށް މުހިންމު ވާނެއެވެ. ސަބަބަކީ ބައްޕަގެ ވަލީއަކީ އޭނާގެ ލޯބިވެރިޔާ ކައިވެނި ކުރުމަށް މުހިއްމު އެއްޗަކަށް ވާތީއެވެ. ފިރިހެނުން އެކަންޏެއް ނޫނެވެ. ހަަމަ ކޮންމެ މީހަކަށްވެސް މައިންބަފައިންގެ ރުހުން ކައިވެނި ކުރުމުގެ ކުރިން މުހިންމު ވާނެއެވެ.

ލޯބިވެރިޔާގެ ބައްޕަ ނުވަތަ ވާން އުޅޭ ބަފަައިބެ ރުއްސުމަށް ޓަކައި ކުރެވިދާނެ ވަރަށް ކުދިކުދި ކަންތައްތަކެއް އެބަހުއްޓެވެ. ނަމަވެސް އެކަން ކަމަކީ ވަރަށް މުހިންމު އަދި އެކަމެއް ކޮށްފި ނަމަ ހަމަ ޔަގީނުން ވެސް ބަފައިބެގެ ހިތް ތިބާއަށް ލެނބިގެންދާނޭ ކަންތައް ތަކެކެވެ.

އެންމެ ފުރަތަމަ ކަމަކަށް ބަފައިބެ އަށް އިހްތިރާމް ކުރަން ދަސްކުރާށެވެ. އިހްތިރާމް ލިބުމަށްވުރެ މީހަކު އުފާވާނޭ ދެވަނަ އެހެން ކަމެއް ނުވާނެއެވެ. އޭނާއާ ދިމާވުމުން ވެސް އިހްތިރާމާއެކު ވާހަކަ ދައްކާށެވެ. ލޯބިވެރިޔާއާ ކައިވެނި ކުރުމަށް ފަހުވެސް މެއެވެ. ބައެއް ކަންކަމުގައި ދެބަސްވާން ޖެހުނު ކަމުގައި ވިޔަސް އިހްތިރާމާއެކު އަބަދުވެސް ވާހަކަދައްކަން ހަނދާން ކުރާށެވެ.

އަނެއްކަމަކީ ތިބާގެ ލޯބިވެރިޔާއާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރާށެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން ބަފައިބެއަށް ސާބިތުކޮށް ދޭށެވެ. ދުވަހަކުވެސް އޭނާއަށް ދެރަ ގޮތެއް ހަދާ ދޫކޮށް ނުދާނެކަން ދައްކާށެވެ. ރައްޓެހިވެގެން އުޅޭއިރު އެކަންޏެއް ނޫނެވެ. ކައިވެންޏަށް ފަހުގައިވެސް މެއެވެ. މިކަން ކުރުމުން ހަމަ ޔަގީނުންވެސް ބަފައިބެގެ ހިތް ތިބާއަށް ޓަކައި ރަނގަޅުވާނެއެވެ. ސަބަބަކީ އޭނާވެސް އޭނާގެ ދަރިފުޅު ހަވާލު ކުރަން ބޭނުންވާނީ އޭނާގެ ދަރިފުޅު ދެކެ ލޯބިވާ އަދި ދުވަހަކު ވެސް ދެރަގޮތެއް ނުހަދާނޭ މީހަކާކަން ގައިމެވެ.

މިނިމުނީއެއް ނޫނެވެ. ރައްޓެހިވެގެން ތިއުޅޭ ކުއްޖާގެ އާއިލާއާވެސް ގާތް ކަމެއް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއާއިލާއިން ބުނާ ކަންތައްތައް ކޮށްލަދީ ހެދުމަކީ ބަފާބެގެ ހިތް ތިބާގެ މައްޗަށް ވަރަށް ފަސޭހައިން ލެނބޭނޭ ކަމަކެެވެ.

ބަފައިބެއާ ރަނގަޅު ގުޅުމެއް ބަދަހި ކުރާށެވެ. އޭނާއާ ހިތްހެޔޮކަމާއެކު ވާހަކަދައްކާ ހަދާށެވެ. އޭނާއާއެކު ވަގުތު ހޭދަކުުރުމަށް މަސައްކަތް ކުރާށެވެ. އޭނާ އެނގެން މަސައްކަތް ކުރާށެވެ. އޭނާއަށް ކަމުދާ ކަންތައްތަކާ ކަމުނުދާ ކަންތައްތައް ދެނެގަނެ ކަމުނުދާ ކަންކަމުން ދުރުހެލިވުމަށް ވިސްނާށެވެ.

މިކަންތައްތައް ކޮށްލައިފި ނަމަ ބަފައިބެ ވެސް ދާދި ފަސޭހައިން ރުހިދާނެކަން ގައިމެވެ. އެކަމާމެދު އެއްވެސް ޝައްކެތް ވަސްވާހެއް ނެތެވެ. އެހެންކަމުން ބަފައިބެ ރުއްސަން ބޭނުންވެ އެކަން ނުވެ ހުރި ނަމަ އަވަހަށް މިކަންކަން ކޮށްލަން އަވަސްވެގަންނާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!