ޚަބަރު

އިއްތިހާދުގެ މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހިމަނައިފައެއް ނުވާނެ: އެމްއާރްއެމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވައިލިއިރު، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށާއި ރިޔާސީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަށް އެމް.ޑީ.ޕީން ހުށަހަޅައިގެން އެކަމާ މެދު މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް އެކަންކަމަށް އެމް.އާރް.އެމްއިން ވާނީ ކަނޑައެޅިގެން ދެކޮޅުހަދައިފައި ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Sosun Fihaara

އެމްއާރްއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވައިލާ ނިމުނުއިރު، ވެރިކަމުގެ ނިޒާމު ބަދަލުކުރުން ހިމަނައިފައި ނުވާނެ ކަމަށެވެ.

"ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއަކީ ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙާއި އަދި ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ހިޔާލާއި މަޝްވަރާއަށް ފަހު، ހުރިހާ ފަރާތްތަކަށް އެއްބަސް ވެވުނު ގޮތަށް އެކުލަވައިލައި އިއުލާން ކުރެވުނު މެނިފެސްޓޯއެކެވެ. 2018ގައި ރައްޔިތުންގެ ވޯޓުން ކޯލިޝަން ސަރުކާރެއް އިންތިޚާބުކުރީ އެ ޖޮއިންޓް މެނިފެސްޓޯ ތަންފީޒު ކުރުމަށެވެ." އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.

އެމް.އާރް.އެމްއިން އޭރު ވެސް އަދި މިހާރު ވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް ކަމަށާއި ރާއްޖޭގައި އޮންނަން އެންމެ ކަމުދަނީ ރިޔާސީ ނިޒާމުކަމަށް 2007ގައި ދިވެހި ރައްޔިތުން ވެސް ވަނީ ނިންމައިފައި ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ދައުލަތް ހިންގުމުގެ ތިންބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމު ފިޔަވައި އެހެން ނިޒާމަކަށް އެމް.އާރް.އެމް ތާއީދު ނުކުރާ ކަމަށާއި، އެ ނޫން ގޮތަކަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވެފައި ވެސް ނުވާނެކަމަށް ވެސް އެމްއާރްއެމްއިން ބުނެފައިވެއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހިންގަވާ އެމްއާރްއެމްއިން މިހެން ބުނެފައި މިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖުމްހޫރީ ޕާޓީ ފިޔަވައި ސަރުކާރު ކޯލިޝަންގައި ދެން ހިމެނިވަޑައިގަންނަވާ ދެ ޕާޓީއިން ވެސް އެއްބަސްވެ ވަޑައިގަތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވިދާޅުވުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!