ދުނިޔެ

ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް އިއުލާނުކޮށްފި:ޑިފެންސް މިނިސްޓަރަކަށް މުއްލާ އުމަރުގެ ދަރިފުޅު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ތާލިބާނުގެ ސަރުކާރުގެ އިސް ތަރުޖަމާނު ޒަބިހުއްﷲ މުޖާހިދު

ތާލިބާނުންގެ ބާރުގެ ދަށަށް މުޅި އަފްގާނިސްތާނު ގެންގޮސް އެ ގައުމުގައި ތާލިބާނުންގެ ސަރުކާރެއް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

Ads by Sosun Fihaara

މިދިޔަ މަހު ތާލިބާނުން ފަސޭހަކަމާ އެކު އަފްގާންގެ އެކި ސިޓީތައް އެމީހުންގެ އަތްދަށަށް ގެންގޮސް ވެރިކަން އެމީހުންގެ އަތްދަށަށް ފުރޮޅައިލައިފައިވާއިރު މިވީ ދުވަސްކޮޅު ބައެއް ގައުމުތަކުން ވަނީ ތާލިބާނުންނާއި ގުޅުން ބަދަހި ކުރާނެ ކަމުގެ ފެހި ސިގްނަލް ދީފައެވެ. މީގެ ތެރޭގައި ރަޝިޔާ ވެސް ހިމެނެއެވެ.

ތާލިބާނުން އިއުލާނުކޮށްފައިވާ ސަރުކާރުގެ މިނިސްޓަރުންގެ ނަންތަކާއި ގައުމު ހިންގާނެ ލީޑަރު ވެސް މިއަދު ވަނީ ހާމަކޮށްފައެވެ. މިގޮތުން އެގައުމުގެ އައު ލީޑަރަކީ މުހައްމަދު ހަސަން އަކުންދު ކިޔާ މީހެކެވެ. އަދި ގައުމުގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި އަބްދުލް ގަނީ ބަރާދަރު ކިޔާ މީހެއްގެ ނަން އިއުލާނުކޮށްފައިވާއިރު އިންޓީރިއާ މިނިސްޓަރަކީ ސިރާޖުއްދީން ހައްގާނީ ކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕާރސަން ޒަބީހުﷲ މުޖާހިދު ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހަމަޖައްސައިފައި ވަނީ ތާލިބާނުންގެ ބާނީގެ ގޮތުގައި މަޝްހޫރުވެފައިވާ މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުގޫބެވެ.

ތާލިބާނުން މިއަދު އާއްމުކުރި ގިނަ ނަންތަކަކީ ތާލިބާނުންގެ އިސް ސަފުގައި ހަރަކާތްތެރިވާ އާއްމު މޫނުތަކެއްކަމަށް ބައިނަލް އަގުވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ތާލިބާނުންނަކީ އަފްގާނިސްތާނުގައި އޮތް ކޮރަޕްޝަނާއި ދާޚިލީ ހަނގުރާމަ ނިންމުމަށް 1994ވަނަ އަހަރު އިސްކޮށް ނިކުތް ޖަމާއަތެކެވެ. އެއީ ޕާކިސްތާނުގެ މަދަރުސާތަކުން ދީނީ ޢިލްމު އުނގެނިގެން ތިބި އަފްގާނިސްތާނުގެ ދަރިވަރުންތަކެވެ. ތާލިބާންއަކީ އަރަބި ބަހެކެވެ. އެ ބަހުގެ މާނައަކީ "ދަރިވަރުން"ނެވެ.

ތާލިބާނުންނަށް އޭރު އަފްގާނިސްތާނުގެ ރައްޔިތުން ވަނީ ރުހުން ދީފައެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އެއްވެސް ހަނގުރާމައަކާ ނުލައި އަފްގާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަންދަހާރް ތާލިބާނުންގެ ބާރުގެ ދަށަށް އެ އަހަރު ގެނައެވެ. އެއާއެކު ތާލިބާނުންގެ ބާރު އަފްގާނިސްތާނަށް ގަދަވާން ފެށިއެވެ.

ދާޚިލީ ހަނގުރާމައިގެ ސަބަބުން ގޮތް ހުސްވެފައި ތިބި އަފްގާނުގެ ރައްޔިތުންނަށް ތާލިބާނުން އުންމީދު ދިނެވެ. އަދި ކޮރަޕްޝަނާއި ފަސާދައާ ދެކޮޅު ވެރިކަމެއް ކޮށްދޭނެކަމުގެ ވަޢުދާ އެކު ތާލިބާނުންގެ ބާރުގެ ދަށަށް ފަހަރަކު ޕްރޮވިންސެއް ގެންނަމުން ދިޔައެވެ. 1996ވަނަ އަހަރު ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފިއެވެ. އޭރު ރައީސް ބުރްހަނުއްދީން ރައްބާނީ ގައުމު ދޫކޮށް ވަޑައިގެންފިއެވެ.

މިހާރު އިއުލާނުކޮށްފައިވާ ތާލިބާންގެ ސަރުކާރުން ވެރިރަށް ކާބުލްއަށް ވަނުމާ އެކު، އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީ ވަނީ ޤައުމު ދޫކުރައްވައި ފިއްލަވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!