ދުނިޔެ

ކާރު ފުރައި ފައިސާއެއް ނުގެންދަން: އަފްގާނިސްތާނުގެ ކުރީގެ ރައީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަފްގާނިސްތާނު ދޫކޮށް ވަޑައިގެންނެވިއިރު ކާރު ފުރައި ފައިސާ ނުގެންދަވާ ކަމަށް އެ ޤައުމުގެ ކުރީގެ ރައީސް މުޙައްމަދު އަޝްރަފް ޣަނީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޣަނީ މިހެން ވިދާޅުވީ މިދިޔަ މަހުގެ 15ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރި ރަށް ކާބުލްއަށް ހަތިޔާރާ އެކު ވަނުމުން ޤައުމާއި ވެރިކަން ވެސް ދޫކުރައްވައި އިނގިރޭސިވިލާތަށް ފުރާވަޑައިގަތް ފަހުން، މިއަދު ނެރުނު ބަޔާނެއްގައެވެ.

ވެރިކަން ބަދަލުވީ ފަހުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި އަފްގާނިސްތާނުގެ ކުރީގެ ރައީސް އެންމެ ފުރަތަމަ ވެސް ވަނީ އެ ޤައުމުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެދުވަހު ޤައުމު ދޫކުރައްވައި ވަޑައިގަންނަވަން ޖެހުނީ، ބަޑިތަކުގެ ހަމަލާ ހުއްޓުވައި އެ ޤައުމުގެ 6 ބިލިއަނެއްހާ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި، އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އަދި ޤައުމާއި ރައްޔިތުން އެކަނި ކޮށްލައި، ފިލުމުގެ އެއްވެސް މަޤްސަދެއް އެމަނިކުފާނުގެ ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޣަނީ އިތުރަށް ވިދާޅުވީ، އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ކާރު ފުރައި ފައިސާ ހިފައިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަަކަތަކެއް ކަމަށެވެ.

"އަަހަރެންގެ އަންހެނުންނާއި އަހަރެން މިއުޅެނީ ޚަރަދުތަކަށް ވަރަށް ބަލައިގެން. އަހަރުމެންގެ މާލީ ހާލަތުގެ ތަފްސީލުތައް ކަމާ ގުޅުން ހުރި މުއައްސަސާތަކާ ހިއްސާ ކުރަން ވެސް މިހުރީ ތައްޔާރަށް" ރައީސް ޣަނީ ވިދާޅުވެފައިވެއެވެ.

ރައީސް ޣަނީ ވަނީ އަފްގާނިސްތާނުގެ ވެރިކަމަށް މި އައި ބަދަލާ ގުޅިގެން އެންމެ ބޮޑު ޤުރުބާނީއެއްވި އެ ޤައުމުގެ ރައްޔިތުންނާއި ސިފައިން ދެއްކި ހިތްވަރަށް ފަށްފަށުން ޝުކުރު އަދާ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!