އދގެ ޖެނެރަލް އެސެމްބްލީގެ ރައީސް ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ބްރެޒިލްގެ ރައްޔިތެއްކަމުގައިވާ މޮނިކާ ގްރޭލީ ހަމަޖައްސަވައިފިއެވެ.
މިކަން އިއުލާނު ކުރައްވާ މޮނިކާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. ޖެނެރަލް އެސެމްބްލީގެ އައު ރައީސްއަށް ހިދުމަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ.
މޮނިކާ ވިދާޅުވީ މިނިސްޓަރ ޝާހިދުއަކީ މި ބަލި މަޑުކަމުން ސަލާމަތްވުމަށާއި އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމުގެ "ޕްރެސިޑެންސީ އޮފް ހޯޕް" ކަމަށެވެ.
މިނިސްޓަރ އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާގެ މީހަކު އަދި އެ މަނިކުފާނުގެ ހާއްސަ މަންދޫބަކަށް ދިވެއްސަކު ވަނީ މީގެ ކުރިން ހަމަޖައްސަވައިފައެވެ. އެބޭފުޅާގެ ޗީފް އޮފް ސްޓާފްގެ ގޮތުގައި އިންޑިއާއިން ޔޫއެންއަށް ކަނޑައަޅާފައިވާ ހުންނަ ސަފީރުގެ ނަގަރާޖް ނައިޖޫ ހަމަޖައްސާފައިވާއިރު ޚާއްސަ މަންދޫބަކަށް ދިވެހި ރާއްޖެއިން ޔޫއެންއަށް ކަނޑައަޅައިފައިވާ ދާއިމީ މަންދޫބް ތިލްމީޒާ ހަސަން ވަނީ އައްޔަންކޮށްފައެވެ.
ޔޫއެންގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސަކަށް ޝާހިދު ހޮވި ވަޑައިގަތީ 143 ޤައުމުގެ ވޯޓާއެކުގައެވެ. އިދިކޮޅަށް ވޯޓް ދިނީ 48 ޤައުމަކުންނެވެ. ޝާހިދު ރައީސް ކަމަށް ހޮވި ވަޑައިގަތީ އިންޑިއާއިން ކެންޕެއިންކޮށްގެން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.
އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު އދގެ އާއްމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ އެ މަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ޤާއިމް ކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލް ކުރެވޭ، އެކި ޤައުމުތަކުގެ މައްޗަށް ބަހައިލެވޭ ޓީމަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.