ރިޕޯޓް

އައިސިސް އުފަންވުން؛ އެމެރިކާ ސިފައިން އެއްވެސް ސަބަބެއްނެތި އިރާގް އިސްތިއުމާރު ކުރުމާ ގުޅިފައި

މުޙައްމަދު އަރީޙް

ޖާނުން ފިދާވެގެން އެތައް ބަޔަކު މަރައިލައިފިއެވެ. ސްކޫލުތަކާއި ކޮލެޖްތަކަށް ބޮމުގެ ހަމަލާތައް ދެނީއެވެ. އަންހެނުންގެ އިތްފަތްތެރިކަން ފޭރިގަނެ، ކުޑަ ކުދިން ޔަތީމު ކުރުވަނީއެވެ. މިއީ އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިޔާ ނުވަތަ އާއްމުކޮށް މީހުން ކިޔާ އުޅޭ ގޮތުން ނަމަ އައިސިސްގެ ވާހަކައެވެ. އައިސިސްގެ ނިރުބަވެރި ހަމަލާތަކުގެ ވާހަކަތައް އެންމެނަށް އެނގުނު ނަމަވެސް، މިއަދުގެ ހާލަތު މި ހިސާބަށް އައިސްފައި ވަނީ އެމެރިކާގެ ސަބަބުންނޭ ބުނެފި ނަމަ ސުވާލު އުފައްދާނެ ބަޔަކު އުޅޭނެއެވެ. އެހެން ނަމަވެސް، އައިސިސް އުފަންވީ އެމެރިކާގެ ސަބަބުންނެވެ. ނިރުބަވެރިކަން ހައްދު ފަހަނަ އަޅައި ގޮސް، ޤައުމުތަކުގެ ވަލިއްޔުލް އަމްރުން ފެށިގެން، އެންމެ އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް ވެސް އެމީހުންގެ ސަބަބުން ބިރުވެރިކަން އުފެދޭ އައިއެސް އުފެދުމުގެ އަސްލަކީ، އެމެރިކާއާއި އެޤައުމަށް ވާގިދޭ ޤައުމުތަކުން އިރާގަށް އަރާ، އެޤައުމުގެ ސަރުކާރު ވައްޓައިލުމެވެ.

އެމެރިކާއިން އިރާގަށް އެރުން - 9/11އާ ގުޅިފައި

އަފްގާނިސްތާނުގައި ބޭސް ހަދައިގެން އޭރު ހަރަކާތްތެރިވި އަލް-ޤައިދާ ޖަމާއަތުން 9/11ގައި އެމެރިކާގެ ޓްރޭޑް ސެންޓަރުގެ ތެރެއަށް ދެ މަތިންދާ ބޯޓް ޖައްސައި، މުޅި އިމާރާތް ބިމާ ހަމަކޮށްލި ނިރުބަވެރި ހަމަލާއަށް ފަހު އެމެރިކާއިން ދިޔައީ، މިކަން ކުރި ބަޔަކު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެން ނަމަވެސް، އަލް-ޤައިދާއިން އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން ދިޔައީ ފަރުބަދަތަކުގެ ހޮހޮޅަތަކުގައި ކަމުން އެމީހުންނަށް ހަމަލާދޭން އެމެރިކާއަށް ކުޅަދާނެއް ނުވިއެވެ. 9/11އަށް ފަހު އަލް-ޤައިދާ ޖަމާއަތުގެ މީހުން ތިބީ ވަރަށް ރަނގަޅަށް މުޅި އަފްގާންގައި ވަކި ހިއްޕައިލައިގެންނެވެ. މީގެ އިތުރުން، އަލް-ޤައިދާގެ ވެރިޔާ އުސާމާ ބިން ލާދިން ނުފެނި އެތައް ދުވަހެއް ވެގެން ދިއުމުން، އެމެރިކާގެ ރައްޔިތުން ތިބީ ރަތަށް އަރައިފައެވެ. އެހެން ނަމަވެސް، 9/11 އާ ގުޅުމެއް ނެތް، އަލް-ޤައިދާއާ ވެސް ގުޅުމެއް ނެތް، އިރާގަށް އެމެރިކާ ސިފައިން އެރީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ މިކަން ހިނގާ ދިޔަ ގޮތް ބަލައިލާން 9/11 ހަމަލާއަށް ފަހު ކޭންޕް ޑޭވިޑްގައި ބޭއްވުނު މީޓިންގައި ހިނގި ކަންކަމަށް ބަލާން ޖެހެއެވެ.

9/11 ހަމަލާ ދެވުނުތާ ގާތްގަނޑަކަށް އަހަރެއް ކުރިން އެމެރިކާ ރައީސް ކަމާ ހަވާލުވެ ވަޑައިގަތް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއަށް ވެރިކަން ލިބިވަޑައިގަތީ ވަރަށް މަދު ވޯޓެއްގެ ތަފާތުންނެވެ. 9/11އަށް ފަހު އޭނާގެ މަޝްހޫރުކަން ހޯދަން އޭނާ ބޭނުންވިއެވެ. މިކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ 9/11 ހަމަލާދިން މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމެވެ. އަލް-ޤައިދާގެ ނަން ތާރީޚުން ފޮހެލުމެވެ. ނަމަވެސް މަތީގައި ދެންނެވި ސަބަބާ ހުރެ މިކަން ކުރެވޭ ގޮތެއް ނުވިއެވެ. 9/11ގެ ގާތްގަނޑަކަށް ހަފްތާއެއް ފަހުން، އެމެރިކާގެ އިސްވެރިންނާ އެކު ކޭންޕް ޑޭވިޑްގައި މީޓިންއެއް ބޭއްވުމެވެ. އެ މީޓިންގައި އިންޓެލިޖެންސްގެ ވެރިންނާއި ސަރުކާރުގެ އިސް މަޤާމުތަކުގެ ބޭފުޅުން ބައިވެރިވިއެވެ. މި ބައްދަލުވުމުގެ ބޭނުމަކަށް ވެގެން ދިޔައީ އެމެރިކާއަށް އަލް-ޤައިދާއާ ދެކޮޅަށް ކުރެވޭނީ ކޮން ކަމެއްތޯ ބެލުމެވެ. މި ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ތެރެއިން އެކަކީ ޑެޕިއުޓީ ސެކްރެޓަރީ އޮފް ޑިފެންސް ޕޯލް ވޮލްފަވެޒްއެވެ. އިރާގަށް ހަމަލާދޭން އެމެރިކާގެ ރައީސްގެ ކަންފަތްޕުޅުގައި ވާހަކަ ދެއްކެވި މީހަކީ މީނާއެވެ. ޕޯލް ވޮލްފަވެޒް ވަނީ 9/11 ހަމަލާ ހިނގި ދުވަހު ވެސް ޕެންޓަގަންއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި އޭނާ ބުނެފައި ވަނީ، އިރާގުން މިދިޔަ 10 އަހަރު ނިރުބަވެރިކަމާ ގުޅުން ހުރި ހުރިހާ އިންޓެލިޖެންސް މައުލޫމާތު ބޭނުންވާ ކަމަށެވެ.

ކޭންޕް ޑޭވިޑްގައި އޮތް މި ބައްދަލުވުމުގައި ޕޯލް ވޮލްފަވެޒް ބައިވެރިވީ، ސެކްރެޓަރީ އޮފް ޑިފެންސް ޑޮނާލްޑް ރަމްސްވެލްގެ ފުލް ސަޕޯޓާ އެކުގައެވެ. މި ބައްދަލުވުމުގައި އޭނާ ބުނި ކަމަށް ބައްދަލުވުމުގެ ޔައުމިއްޔާގައިވެއެވެ.

"9/11 ހަމަލާއަކީ ވަރަށް ރޭވިގެން ހިންގުނު ހަމަލާއެއް. މިފަދަ ބޮޑު ހަމަލާއެއް ދިނުމުގެ ޤާބިލްކަން އަލް.ޤައިދާ ފަދަ ކުޑަ ޖަމާއަތަކަށް ލިބިގެނެއް ނުވޭ. ޔަޤީނުން ވެސް އެ ޖަމާއަތަށް އިރާގްގެ ވެރިޔާ ސައްދާމް ހުސެއިންގެ އެހީތެރިކަން ލިބިފައިވާނެ. މުޅި ދުނިޔޭގެ ޓެރެރިޒަމްގެ ހަރުފައިގެ ބޮލަކީ ސައްދާމް ހުސެއިން"

ޕޯލް ވޮލްފަވެޒްގެ މިވާހަކަތަކަށް ކޭންޕް ޑޭވިޑްގައި އޭރު ތިބި އިންޓެލިޖެންސްގެ ވެރިންނާއި ސަރުކާރުގެ އިސްއޮފިޝަލުން ދެކޮޅު ހެދިއެވެ. ސައްދާމް ހުސެއިން އޭރު އިރާގްގައި ކުރަމުން ދިޔައީ ހުރިހާ ބާރެއް ޖަމާކޮށްފައިވާ ވެރިކަމެކެވެ. އެެހެން ނަމަވެސް އޭނާއަކީ ޓެރެރިޒަމްގެ ބައްޕަކަމަށް އިންޓެލިޖެންސް މައުލޫމާތު ކުޑަކޮށްވެސް އެނގޭ މީހަކު ޤަބޫލެއް ނުކުރާނެއެވެ.

2006 ވަނަ އަހަރު ޑިސެންބަރު 30 ވަނަ ދުވަހު ސައްދާމްވަނީ ދަން ޖައްސާ މަރާލާފައި

އަދި އޭރުގެ އެމެރިކާގެ ކައުންޓަރޓެރިޒަމްގެ ހެޑް އެ ބައްދަލުވުމުގައި ބުނި ކަމަށްވެއެވެ.

"އަހަރެމެނަށް ހަމަލާދިނީ، އަފްގާނިސްތާނުގައި އޮޕަރޭޓް ކުރާ އަލް-ޤައިދާ ނަމަކަށް ކިޔާ ޖަމާއަތަކުން. އެ ޖަމައާތުގެ ވެރިއަކީ ސައްދާމް ހުސެއިން. އިރާގާއި މި ހަމަލައާ އެއްވެސް ގުޅުމެއް ނެތް"

އެހެން ނަމަވެސް ޕޯލް ވޮލްފަވެޒް ދޫދޭ ވިސްނުމެއް ނެތެވެ. އެ ބައްދަލުވުން ނިމި، ހަމަޖެހިލަން ކޭންޕް ޑޭވިޑްގެ ވެއިޓިން އޭރިއާގައި އެމެރިކާގެ ރައީސް ބުޝް ހުރި ވަގުތު އަނެއްކާ ވެސް ޕޯލް ވޮލްފަވެޒް އޭނާގެ ޕްލޭންއާއެކު އައެވެ. އަދި ބުޝް ހެއްލޭތޯ މަސައްކަތް ކުރިއެވެ.

"އިރާގް ހިފަން ވަރަށް ފަސޭހަ. އެއްކޮޅުގައި އޮތީ އަހަރެމެންގެ ރައްޓެހި ކުވައިތު. އަނެއްކޮޅުގައި އޮތީ ސައްދާމް ދެކެ ރުޅި އަންނަ ކާޑްސް ޖަމާއަތުގެ މީހުން. އިރާގްގެ އާބާދީގެ ދެބައި ކުޅަ އެއްބައި އުޅޭ މި ދެ ސަރަހައްދުގައި. އަދި އިރާގްގެ ތެޔޮވަޅުތައް ވެސް ހުރީ މި ސަރަހައްދުގައި. އަހަރެމެން އިރާގަށް އަރައިފި ނަމަ މި ތެޔޮވަޅުތަކުގެ ފައިދާ ނެގޭނެ. އޭރުން ސައްދާމަށް އާއްމުދަނީ ލިބޭ މަގު ބަންދު ކުރެވޭނީ. ސައްދާމް އޭރުން ވެގެންދާނީ ބަގްދާދްގެ މޭޔަރަށް"

ޕޯލް އަދި ބުޝް

އިރާގަށް އިސްތިއުމާރުވުމުގެ ވިސްނުން ބުޝްގެ ސިކުނޑީގައި ބިންވަޅު ނެގިގެން ދިޔައީ މިހިސާބުންނެވެ. ވެރިކަމަށް އައުމުގެ ކުރިން ބުޝްއަކީ ތެލުގެ ވިޔަފާރި ކުރާ މީހެކެވެ. އެމެރިކާ މީހުން ތެޔޮ ބޭނުންވާ ވަރަރު އެއީ މީހަކަށް ކިޔާދެން ޖެހޭ ވަހަކައެއް ނޫނެވެ. އަނެއްކޮޅުން، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ކުޑަކުޑަ ޖަމާއަތަކަށް ހަމަލާދިނުމަށް ވުރެ، ޤައުމަކަށް އަރާ އެ ޤައުމުގެ ވެރިކަން ވައްޓައިލާން ފަސޭހަވާނެ ކަން ބުޝްއަށް ވިސްނުނެވެ. އެމެރިކާއިން އޭރު ބޭނުންވީ ނިރުބަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރާށެވެ. ބުޝް ބޭނުންވީ ރައްޔިތުންގެ އިތުބާރެވެ. ބާރުވެރިކަން ދެއްކުމަށް ވުރެ އެމެރިކާގެ ރައްޔިތުން ހިތް އެދޭ ކަމެއް އޮންނާނެ ހެނެއް ހީއެއް ނުވެއެވެ.

ނިއުކްލިއަރ ވެޕަލް ހުރި ކަމަށް ބުނެ ކުރި ތުހުމަތު

އެމެރިކާގެ ތާރީޚީ ފޮތްތަކުގައިވާ ގޮތުން އެެމެރިކާއިން އިރާގަށް އެރީ އިރާގްގައި ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ހުރުމުންނެވެ. ވެޕަން އޮފް މާސް ޑިސްޓްރަކްޝަންއަކީ، އެޓޮމިކް ބޮން، ހައިޑްރޮޖެން ބޮން ފަދަ، ބޮޑު ގެއްލުމެއް އެއްފަހަރާ ދެވޭ ކަހަލަ ހަތިޔާރެވެ. އިރާގުން އެފަދަ ހަތިޔާރެއް އެޤައުމުގައި ނެތް ކަމަށް ބުނަމުން އައެވެ.

އެހެން ނަމަވެސް އެެމެރިކާއިން 9/11 ގެ ބަދަލު ހިފުމެއް އެބަ ބޭނުންވެއެވެ. އެހެންވެ، 9/11އާ އިރާގާ ގުޅުވަން ބޮޑު ޕްރޮޕެގެންޑާއެއް ފަތުރަން ފެށިއެވެ. މިގޮތުން 9/11 އަށްފަހު އެމެރިކާގެ ޤާނޫން ހަދާ މަޖިލީހުގައްޔާއި ޓީވީތަކުގައި އިރާގްގެ ވާހަކަ ދެކެވެން ފެށިއެވެ. އަދި އިރާގަކީ ޓެރެރިޒަމްއަށް ހިތްވަރުދޭ ޤައުމެއް ކަމަށާއި އިރާގުގައި ހުރި ބަރު ހަތިޔާރުތަކާއި ބޮންތައް ޓެރެރިސްޓުން ދޭނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނަމުން ދިޔައެވެ.

އެމެރިކާގެ އިސްތިއުމާރުގެ ކުރިންނާއި ފަހުން އިރާގް

10 އޮކްޓޯބަރު 2002 ގައި އެމެރިކާގެ ރިޕަބްލިކަން އަދި ޑިމޮކްރަޓިކްގެ ވެސް މެންބަރުންގެ ތާއީދާއެކު، އިރާގަށް އެރުމުގެ ހުއްދަ އެމެރިކާގެ ޤާނޫން ހަދާ މަޖިލީހުން ދިނެވެ. އަދި 19 މާރިޗް 2003ގައި އެމެރިކާއިން އެ ޤައުމަށް ވާގިދޭ ބައެއް ޤައުމުތައް ކަމަށްވާ އިނގިރޭސިވިލާތް, އޮސްޓްރޭލިއާ އަދި ޕޮލެންޑާއެކު އިރާގަށް އަރާ މަހެއް ދުވަހުގެ ހަނގުރާމައަށް ފަހު އިރާގު ހިފިއެވެ. އަދި އިރާގްގެ ވެރިކަން ވައްޓައިލާ، އެޤައުމުގައި އެމެރިކާގެ ބަސް ހިނގާ ވެރިކަމަށް އެކުލަވައިލިއެވެ.

އިރާގްގެ ވެރިކަން ވައްޓާލުމަށް ފަހު އެމެރިކާއިން އިރާގްގައި އެމީހުންގެ ބާރު ހިންގަން ފެށިއެވެ. އަދި ސެކިއުރިޓީ ދިނުމުގެ ނަމުގައި އެޤައުމުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވާން ފެށިއެވެ. އަދި އިރާގްގައި އޮތް އަސްކަރިއްޔާ އުވަލާ، އެމީހުން ވަޒީފާތަކުން ކަނޑާލިއެވެ.

އައިސިސް އުފެދުމުގެ އަސްލަކީ މިއީއެވެ. ވަޒީފާއެއް ނެތް، އަސްކަރީ ތަމްރީން ލިބިފައިތިބި އެތަކެއް ކާނަލުންނާއި މޭޖަރުންނެއް ޤައުމުގައި ވަޒީފާއެއް ނެތި ގިނަވިއެވެ. އެމީހުން ބޭނުންވީ ޤައުމުގެ މިނިވަންކަމެވެ. އައިސިސްއަކީ، އިރާޤްގެ އަސްކަރީ ތަމްރީން ލިބިފައިތިބި ބަޔަކު އެއްބަހެއް ކިޔާ އެމެރިކާގެ އިސްތިއުމާރާއި ދެކޮޅަށް އުފެއްދި ޖަމާއަތެކެވެ. އައިސިސްއިން މިއަދު ކުރަމުންދަނީ ލާއިންސާނީ އެތައް އަމަލެކެވެ. އެހެންނަމަވެސް އައިސިސް އުފަންވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެމެރިކާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!