34 ޑްރަގް ކެފޭއެއް ބަންދުކޮށް ފުލުހުން ފޯރިމަރަނީ
މަސްތުވާތަކެތި ބޭނުން ކުރުމަށް ކެފޭ އުސޫލުން މީހުންނަށް ހިދުމަތްދޭ 34 ޑްރަގް ކެފޭއެއް ބަންދުކޮށްފިއެވެ.
ޑްރަގް ކެފޭތައް ބަންދުކުރުމަށް ފުލުހުން މިދިޔަ ހަފްތާގައި ފެށި ހާއްސަ އޮޕަރޭޝަނުގައި އެކަނި ވެސް 20 ތަނެއް ބަންދުކޮށްފައިވާއިރު ޑްރަގް ކެފޭތައް ބަންދު ކުރުމަށް މިދިޔަ އަހަރުން ފެށިގެން ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގައި 14 ތަނެއް ބަންދުކުރުމުން، ބަންދު ކުރި ޑްރަގް ކެފޭތަކުގެ ޖުމްލަ ވަނީ 34 އަރައިފައެވެ.
ޑްރަގް ކެފޭތައް ހިންގާ އިމާރާތްތަކުގެ ވެރިންނަން ގާނޫނީ އިންޒާރުދީ ފުލުހުން މިދިޔަ ހަފްތާގައި ހާއްސަ އޮޕަރޭޝަނެއް ފަށައި އެފަދަ ތަންތަން ކައިރީ 24 ގަޑިއިރު ޑިއުޓީ ކުރަމުންދާއިރު މިމަހުގެ 2 ވަނަ ދުވަހު ވަނީ ކެފޭ އުޞޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރި ކަމަށް ބެލެވޭ މ.ބްރައިޓްފްލާވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުން ވެސް ހުއްޓުވައިފައި ނުވާތީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ)ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލައިފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ އެ ގޭގެ ވެރިފަރާތް ކަމުގައިވާ ހުސެއިން ޔޫސުފް ވަނީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރަން ހުއްދަ ދީފައި ކަމަށެވެ. އެގޮތުން އެ ގޭގައި މީހުން ކެފޭ އުސޫލުން ޑްރަގް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލްކުރާ ކަމަށް ގަބޫލުކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި އެކަމަކީ ވެރިފަރާތަށް ވެސް އެނގިގެން ކުރާ ކަމެއް ކަމަށް ވެސް ޕީޖީއަށް ގަބޫލު ކުރެވެއެވެ.