ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 8 ލައްކަ އަށްވުރެ މައްޗަށް

ރައުފާ ރަޝީދު

މިއަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 8 ލައްކަ އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މާޗް މަހު އައިސްފައި ވަނީ 109،585 ފަތުރުވެރިންނެވެ. އޭޕްރީލް މަހު 91،200 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މެއި މަހު 64،613، ޖޫން މަހު 56،166 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މީގެ އިތުރުން ޖުލައި މަހު 101،818 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޮގަސްޓް މަހު 143،599 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި މި މަހުގެ މިހާތަނަށް 53،798 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަނުވިލާތުންނެވެ.

ކޮވިޑްގެ ނަންބަރުތައް ރާއްޖޭގައި އިތުރުވާން ފެށުމާ އެކު ބައެއް ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓައިލުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް ބަލި ފެތުރުން މަދުވުމާ އެކު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!