ރާއްޖޭގައި މި ވަގުތު މިނިވަން ޝަރުޢީ ނިޒާމެއް ނެތް، އޮތީ "ޝަމީމީ ނިޒާމެއް": އަލީ ވަހީދު

ރާއްޖޭގައި މިހާރު އޮތީ ޝަރުއީ ނިޒާމެއް ނޫން ކަމަށާއި މިހާރު އޮތީ "ޝަމީމީ ނިޒާމެއް" ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށައިފައިވާ ދަނޑިވަޅެއްގައެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި މިވަގުތު މިނިވަން ޝަރުޢީ ނިޒާމެއް ނެތްކަމަށެވެ. އޮތީ ‘ޝަމީމީ ނިޒާމެއް’ ކަމަށާއި އިތުރު އަޑުއެހުންތަކާ ބަހަނާތައް ނުދައްކާ ރައީސް ޔާމީން މިނިވަންކުރަން ޖެހޭ ކަމަށް އަލީ ވަހީދުވިދާޅުވިއެވެ.
މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ އިންސާނެއްގެ މިނިވަންކަން ނުޙައްޤުން ހިފެހެއްޓުމުގެ ޖާގަ ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނޯންނާނެ ކަމަށާއި ރިފޯމްގެ ނަމުގައި އެއް ލޯފާމަކަށް ޖުޑިޝަރީ ޕްރައިވެޓައިޒްކޮށް ކިލަނބުކޮށްލައިފައިވާ ކަމަށެވެ.
އަލީ ވަހީދު މިފަދައިން ވިދާޅުވެފައިވާއިރު ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ “ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވައިނުލެވޭނެ” ކަމަށެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލައިފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.