ސާފް ޗެންޕިއަންޝިޕްއާ ދިމާކޮށް ރައީސް ޔާމީންގެ މެސެޖެއް: މުޅި ޤައުމު ޤައުމީ ޖޯޝުން ފުރާލާ
ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގަންނަވައިފިއެވެ.
މިއަދު ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހުގެ 1އިން 16އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅާ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެ ޕާޓީއާއި ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިމުބާރާތް ރާއްޖޭގައި ބޭއްވުމަށް ޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އެފް.އޭ.އެމްގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ވަރަށް ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމާ އެކު މަސައްކަތް ކުރައްވައި އެކަން ކާމިޔާބު ކުރައްވާފައިވާތީ، އެކަމުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މަރުޙަބާ ދަންނަވާ ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގެ ތަށި 3 ވަނަ ފަހަރަށް ހޯދުމަށް ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ނުކުންނައިރު، އެ ކާމިޔާބީ ހޯދުމުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.
"ހިތްހަމަނުޖެހުންތަކާއި، ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، މި 16 ދުވަހަކީ ޤައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށާއި، އަދި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެ ވެސް ބައިވެރިވުމާ އެކު ލިބިގެންދާ ކާމިޔާބީއަކަށް ހެދުމަށް ޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ޤައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ" ޕީޕީއެމްގެ ބަޔާނުގައި ވިދާޅުވިއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، "ތިންވަނަ ފަހަރު މީ އެފަހަރު" ކަމުގައި ހެދުމަށް އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން ޤައުމީ ޖޯޝާއި ފޯރީގައި ދިވެހި ޤައުމީ ފުޓުބޯޅާ ޓީމަށް ހިތްވަރު ދިނުމުގައި ޕީ.ޕީ.އެމްއާއި ޕީ.އެން.ސީ އޮތީ ތައްޔާރަށް ކަމަށެވެ.