ސާފް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުން ރާއްޖެއަށް މޮޅެއް
އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބޫޓާން ބަލިކޮށްފިއެވެ.
ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ރާއްޖެއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައިވެއެވެ. މެޗުގެ 6 ވަނަ މިނެޓުގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށް ދިނީ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ.
މި ލަނޑަށް ފަހު ވެސް ރާއްޖެއިން ވަނީ ބޫޓާންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ރާއްޖޭގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ބޫޓާންގެ ކެޕްޓަން ކަރްމާ ޝެދްރަޕް އާއި ޔެޝީ ޑޯޖީ ކައިރި ކައިރީގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފްއެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ބޫޓާންގެ ޓެޝެލް ޓަރަމް ލަނޑު ޖެހި ނަމަވެސް ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
ރާއްޖެއިން މި މެޗުގައި ކާމިޔާބު ކުރި 2 ވަނަ ލަނޑު ޖެހީ މެޗުގެ ފަހު މިނެޓުގައި ދާދުއެވެ.
މި މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ހަންނައަށް ވަނީ 2 ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
މި މުބާރާތުގެ 2 ވަނަ މެޗަށް ރާއްޖެއިން ނުކުންނަން ޖެހޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.