މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގައި ބާއްވަނީ

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ނޭޕާލުން ބިޑު ކޮށްފައިވަނިކޮށް، މުބާރާތް ބޭއްވުމުގެ ފުރުސަތު އިންޑިއާއަށް ދީފިއެވެ.
މި މުބާރާތް ބޭއްވުމުގެ ފުރުސަތު އިންޑިއާއަށް ދީފައިވަނީ ސްޕޮންސަރުންގެ އެދުމުގެ މަތިންނެވެ.
މި އަަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގައި ބާއްވަން ނިމިފައި އޮތް މުބާރާތް އިންޑިއާގައި ބާއްވަން ނިންމައިފައިވަނީ، އިއްޔެ ކުރިއަށްދިޔަ ސާފްގެ އެކްސްކޯ ބައްދަލުވުމުގައެވެ. މުބާރާތުގެ ކޮމާޝަލް އަދި މާކެޓިން ރައިޓްސް ގަތް ސްޕޯޓްސް ޕާޓްނަރު، އިންޓަނޭޝަނަލުން ވަނީ މުބާރާތް އިންޑިއާގައި ބާއްވަން ބާރު އަޅައިފައެވެ.
އަދި މިއީ މި ވަގުތު ގައުމުތަކުގެ ހާލަތަށް ބަލާއިރު ސްޕޮންސަރުންނަށް ވެސް އެންމެ ފައިދާ ކުރާނެ ގޮތްކަމަށް ބަލައި އިންޑިއާގައި މުބާރާތް ބާއްވަން ނިންމީއެވެ.
މި އަހަރު އިންޑިއާގައި މުބާރާތް ބާއްވާނެ ސްޓޭޓެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް އަންނަ މަހު އެކަން ފައިނަލް ކުރާނެކަމަށް ބެލެވެއެވެ.
ދެކުނު އޭޝިއާގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް، ސާފް އެންމެ ފަހުންވެސް ކާމިޔާބު ކުރީ އިންޑިއާއިންނެެވެ. އެ ޤައުމުން މި މުބާރާތުގެ ތަށި 8 ފަަހަރު އުފުލައިލިއެވެ.