ވިޔަފާރި

ޗައިލްޑްހުޑް ކެންސަރއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ދިރާގުން ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި ދިރާގު ގުޅިގެން ޗައިލްޑްހުޑް ކެންސަރ ނުވަތަ ކުޑަކުދިންނަށް ޖެހޭ ކެންސަރ ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

Ads by STELCO

2018 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރ މަހު ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސަރ އެވެއަރނެސް ކެމްޕެއިން" ގައި ކުރިން ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އަހަރު މި ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރ ކުދިންނަށް ކުރިމަތިވާ ކަންތައްތަކަކީ ކޮބައި ކަމާއި، ބަލީގެ އަލާމާތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރާ ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާއި، ކެންސަރަށް ފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމަައުއަށް ކުދިން ނިކުންނާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

ދާދި ފަހުން އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސަރޗް އޮން ކެންސަރއިން ހެދި ރިޕޯޓަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން ބަލާ ކަމުގައި ވަނީ ނަމަވެސް މިހާރު ޗައިލްޑް ހުޑް ކެންސަރ ވަނީ ނުހަނު އިތުރުވެ، ޕަބްލިކް ހެލްތު ކްރައިސިސްއަކަށް ވެފައިއެވެ. މީގެ އިތުރުން، މި ރިޕޯޓުތަކުން ދައްކާ ގޮތުގައި، ކެންސަރގެ ސަބަބުން އެންމެ ގިނަ ކުދިން މަރުވެފައި ވަނީ އޭޝިއާ ބައްރުގައެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސަރ ބަލީގެ 1% އެވެ. އެހެން ނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭގޮތުގައި ގާތްގަނޑަކަށް 6-7% ކެންސަރ ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެއެވެ. އެހެންކަމުން، ކެންސަރާ ބެހޭ މައުލޫމާތު ވީހާ ވެސް ގިނަ ފަރާތްތަކަށް އެނގުމަކީ މުހިންމު ކަމެކެވެ. ލުކީމިއާ އަދި ސިނކުޑިއަށް ޖެހޭ ކެންސަރ ފަދަ ކެންސަރ ބަލީގެ ބާވަތްތަކަކީ ކުޑަކުދިންނަށް އެންމެ ގިނައިން ޖެހޭ ކެންސަރ ބަލީގެ ތެރެއިން ބާވަތްތަކެވެ.

މި އަހަރުގެ މި ކެމްޕެއިން ފެށުމުގެ ގޮތުން ސެޕްޓެމްބަރ މަހުގެ 1ވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑް ހުޑް ކެންސަރގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލައިލާފައެވެ. މިއަހަރުގެ ކެމްޕެއިންގެ ދަށުން ޗައިލްޑް ހުޑް ކެންސަރ އާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ވީޑިއޯ ސީރީސް އެއްވެސް ވަނީ ނެރެން ގަސްތުކޮށްފައެވެ. މި ސީރީސްގެ ދަަށުން އަލި އަޅުވާލާނީ ރާއްޖޭގެ ޗައިލްޑް ހުޑް ކެންސަރ އާ ބެހޭގޮތުންނާއި، މި ބަލީގައި މިހާރު ފަރުވާ ލިބެމުންދާ ކުދިންގެ ވާހަކަތަކާއި، އަނބުރާ މުޖުތަމައު އަދި ސްކޫލަށް މި ކުދިން ނެރެމުމަށް މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދެވޭނެ ގޮތްތަކަށެވެ. މީގެ އިތުރުން މި ކެމްޕެއިނުގައި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޚާއްސަ އޮންލައިން އާޓް އެގްޒިބިޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ.

"ކުޑަ ކުދިންނަށް އެހީތެރިވުމާއި އަޅައިލުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް. އަދި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކެން. ކެންސަރ ސޮސައިޓީ އޮފް މޯލްޑްވިސްއަށް މި ކެމްޕެނުގެ މެސެޖްތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ޔަގީންކަން ދެން" ދިރާގުގެ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވިދާޅުވިއެވެ.

"މި އަހަރުގެ މި ކެމްޕެއިނުގައި ކެންސަރ ބަލިން ރަނގަޅުވެގެން އަލުން އަނބުރާ ސްކޫލަށް ނިކުންނަ ކުދިންނަށް މުޖުތަމައުން އެހީތެރިވެވޭނެ ގޮތްތަކާމެދު ޚާއްސަކޮށް އަލި އަޅުވާލެވޭނެ. އަދި މީގެ އިތުރުން މި ބަލީގެ ސަބަބުން ކުދިންނަށާއި އާއިލާތަކަށް ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އަލި އަޅުވާލާނަން. ދިރާގުން އަޅުގަނޑުމެންގެ ޗައިލްޑް ހުޑް ކެންސަރ އެވެއާރނަސް ކެމްޕެއިނަށް 2018ވަނަ އަހަރުން ފެށިގެން ދަނީ މެއިން ޕާޓްނަރއެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެމުން. އެހެންކަމުން ދިރާގަށް ވަރަށް ޚާއްސަކޮށް ޝުކުރު ދަންނަވަން" ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއަރޕާސަން، ޖުވޭރިޔާ ސައީދު ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!