އަބުރުގެ ބިލު ދެ ހަފްތާ ތެރޭގައި ނިމޭނެ: އޭޖީ އޮފީސް

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގާނޫނުގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މިހެން ބުނެފައި ވަނީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގާނޫނުގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފޮނުއްވި ސިޓީއަކަށް ދިން ޖަވާބުގައެވެ.
އެ ސިޓީގައި ބުނެފައި ވަނީ އަބުރުގެ ބިލް ޑްރާފްޓްކޮށް ދެ ހަފްތާ ތެރޭގައި ނިންމައިލުމަށް ފަހު މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސް އޮފީހަށް ފޮނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އަބުރުގެ ބިލްގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ފަހު މަޖިލީހަށް ބިލް ފޮނުވައިދިނުމަށް އެޓާނީ ޖެނެރަލަށް ދަންނަވަން ވެސް ފާސްކޮށްފައެވެ.